ބޮލީވުޑް

ތިން ޚާނުން އެއްފިލްމަކުން ފެނިދާނެތަ؟

Jun 2, 2015

ބޮލީވުޑްގެ އެންމެ ކާމިޔާބު ތިން ތަރިން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން އެކުގައި ފިލްމަކުން ފެނިގެންދާނެ އިރެއްގެ އިންތިޒާރުގައި މިހާރުވެސް އެތައް ބަޔަކު އެބަތިއްބެވެ.

މިހާތަނަށްވެސް ބޮލީވުޑްގެ ނަން މަޝްހޫރު އެތައް ޑައިރެކްޓަރުންގެ މަސައްކަތުންވެސް މިކަން ކާމިޔާބުވެފައި ނުވާއިރު، ވަރަށް އަވަހަށް މިތިން ތަރިން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

މުޅި ބޮލީވުޑް ކޮންޓްރޯލްކުރާ މި ތިން ޚާނުން އެކުގައި ފިލްމަކުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ކާމިޔާބުވެފައިވަނީ ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާ އެވެ. މިތިން ތަރިން އެކުގައި ފެނިގެންދާ ފިލްމު ޑައިރެކްޓްކުރާނެ ޑައިރެކްޓަރެއް އަދި ހަމަޖައްސާފައި ނުވާއިރު، ފަހަރެއްގައި ސާޖިދު މިފިލްމު ޑައިރެކްޓްކުރުން އެކަަށީގެންވާ ކަމަށްވެ އެވެ.

ދެހާސް ސަތާރަވަނަ އަހަރުގެ ޖެނުއަރީ މަހުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމު އެއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށްވެސް ރިޕޯޓްތަކުގައިވެ އެވެ.

ތިން ޚާނުންނާއިއެކު ފިލްމެއް އުފައްދާކަން ސާޖިދުވެސް ކަށަވަރުކޮށްދީފައިނުވި ނަމަވެސް، ދާދިފަހުން މިތިންތަރިންގެ  ގޯސްވެފައިވާ ގުޅުން ރަނގަޅުވުމަކީ މި އަޑުތަކަށް ލިބޭ އިތުރު ބާރެއްކަމަށް ވެ އެވެ.މީގެއިތުރުންވެސް ޕްރޮޑިއުސަރު ސާޖިދުއަކީ ސަލްމާން ޚާންގެ ވަރަށް ގާތް ރައްޓެއްސަކަށްވެފައި، މިތިން ތަރިންގެ ޒަމާންވީ ރުޅިވެރިކަން އެއްފަރާތްކުރުމަށްފަހު، އަލުން އެކުވެރިވުމާއިއެކު، މިތިންތަރިން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޝާހްރުކް އާއި އާމިރު ވަނީ ސަލްމާންގެ މިހާރު ރިލީޒްކުރުމުގެ މަގުމަތީގައިވާ ފިލްމު "ބަޖްރަންގީ ބައިޖާން"ގެ ފުރަތަމަ ޕޯސްޓަރު ޓްވިޓާގައި އާންމުކޮށް، އެމީހުންގެ ސަޕޯޓް ސަލްމާނަށް އޮތްކަން ހާމަކޮށްފަ އެވެ. 

ދެހާސް ދެވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ރޭ ސަލްމާން ދުއްވި ކާރަކުން ޖެހި، ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވުމުގެ ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށް ލާން ހުކުމް ކުރުމުގެ އެއްދުވަސް ކުރިން ޝާހްރުކް ވަނީ ސަލްމާން ދިރިއުޅޭ ގޭގައި ބައްދަލުކޮށް އޭނާއަށް ހިތްވަރުދީފަ އެވެ. އަދި ސަލްމާނަށް ހުކުމް ކުރި ފަހުން، ވަގުތީ ކަފާލާތުގެ ދަށުން ދެދުވަހަށް މިނިވަން ކުރުމާއިއެކު އާމިރު ވެސް ވަނީ ސަލްމާންއާ ބައްދަލުކޮށްފަ އެވެ. މި ހުރިހާ ކަމަކާ ހުރެ، އެ ތިން މީހުންގެ ގުޅުން ރަނގަޅުވެފައި ވުމުން މި ތިން ތަރިން އެއް ފިލްމަކުން ފެނުމުގެ ފުރުސަތެއް ނެތޭ ބުނެވޭކަށް ނެތެވެ. 

ބޮކްސް އޮފީހުގައި ރަސްކަންކުރާ މިތިން ތަރިން އެކުގައި ފިލްމަކުން ފެނިގެންދާނަމަ، މިތިން ތަރިންނަށް އެއްވަރެއްގެ ބޮޑު ރޯލެއް ނުލިބޭ ނަމަ މިމީހުންގެ އެތައް މިލިއަން ފޭނުންނެއް ރަތަށް އަރާނެ ކަން ޔަގީނެވެ. މިއީ ޑައިރެކްޓަރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.