ވިޔަފާރި

މޯލްޑިވްސް ޝޯވް ކޭސް: ދިވެހި 40 ކުންފުންޏެއް ލަންކާއަށް

Jul 24, 2018

ދިވެހި 40 ކުންފުންޏާއެކު، ސްރީލަންކާގައި ބާއްވާ "މޯލްޑިވްސް ޝޯވް ކޭސް" ފެއާ އަށް ތައްޔާރު ވެއްޖެ އެވެ.

ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން އެންޑޯޒްކޮށްގެން، ހައިރައިޒް އިން އިންތިޒާމު ކޮށްގެން ބާއްވާ ފެއާ އޮންނާނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ސްރީލަންކާގެ ތާޖްސަމުދްރާ ހޮޓެލްގަ އެވެ.

ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން "އަވަސް" އަށް ވިދާޅުވީ ސްރީލަންކާ ޓޫރިޒަމްގެ މައި ޖަމިއްޔާއާ ގުޅިގެން ބާއްވާ މޯލްޑިވްސް ޝޯކޭސްގައި ބޭރުގެ ޓޫރިޒަމް ކުންފުނިތަކުން ބައިވެރިވާނެ ކަމަށެވެ. އަދި މި ފެއާގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކާއި ބޭރުގެ ފަރާތްތަކާއެކު 2،000 މީޓިން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފެއާގައި ހަމައެކަނި ޓޫރިޒަމް ދާއިރާއެއް ނޫން. ދިވެހި އުފެއްދުންތައް ވެސް ބައިވެރިވެފައިވޭ. މުޅިރާއްޖެ ތަމްސީލް މި ކުރަނީ. މޯލްޑިވްސް ޝޯކޭސްގެ މަގުސަދަކީ ރާއްޖޭގައި ހިންގާ ރިސޯޓްތަކާއި ހޮޓާއަދި ގެސްޓްހައުސްތައް ވެސް އިޝްތިހާރު ކުރުން،" ޝާމިން ވިދާޅުވި އެވެ.

މޯލްޑިވްސްޝޯ ކޭސް މި އަހަރު ސްރީލަންކާގައި ބޭއްވުމަށްފަހު، ހައިރައިޒްއިން ރާވާފައިވަނީ މި ފެއާ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ބޭއްވުމަށެވެ.