ދުނިޔެ

ހުދުމުހުތާރު ވެރިން ނެތް ދުވަހެއް އަތުވެދާނެތަ؟

Jun 2, 2015

ޑިމޮކްރަސީ ގާއިމުކޮށްފައިވާ މުޖުތަމައުތަކުގައި ދިރިއުޅެމުން އަންނަ މީހުން އަބަދުވެސް ކުރަމުން ގެންދާ އެންމެ ބޮޑު ޝަކުވާ އަކީ ހުދުމުހުތާރުވެރިންގެ ޝަކުވާ އެވެ. އެފަދަ ވެރިންގެ އަނިޔާގެ ވާހަކަ އާއި އިންސާނީ ދަރިފަސްކޮޅާ ދެކޮޅަށް އެފަދަ ވެރިން ހިންގާ ލާއިންސާނީ އަމަލުތަކުގެ ވާހަކަ އެވެ. އެފަދަ ވެރިންނާ ހެދި އެމީހުންގެ ގައުމުތަކުގެ މީހުން ފަގީރުކަމުގައި އުޅެން ޖެހިފައިވާ ވާހަކަ އާއި ހަމަނުޖެހުންތަކުން އަރައިނުގަނެވިފައި ތިބި ވާހަކަ އެވެ.

އަސްލަށް ވެސް ހަގީގަތަކީ މިއީ އެވެ. މިސާލަކަށް ރަޝިއާގެ ޖޯސެފް ސްޓާލިންގެ ގޮށްމުށުގެ ބާރު ހިންގި ވެރިކަމުގައި 49 މިލިއަން މީހުންގެ މަރަށް އޭނާ ޒިންމާ ވާން ޖެހޭ ކަމަށް ބުނެވެ އެވެ. އަދި ކެމްބޯޑިއާގެ މަޝްހޫރު ޑިކްޓޭޓަރު ޕޮލް ޕޮޓްގެ ވެރިކަމުގައި ވެސް ތިން މިލިއަނެއްހާ މީހުން މަރާލާފައިވާ ކަމަށް ބުނެވެ އެވެ.

އެހެންވީމަ ތާރީޚުން ފެންނަން ހުރި ހެކިތަކާއި ކިޔަން ލިބެން ހުރި ވާހަކަތަކަށް ބަލާއިރު ހުދުމުހުތާރު ވެރިންނާ ނެތް ދުނިޔެއަކަށް މަސައްކަތްކުރުން މި އޮތީ ވަރަށް މުހިންމުކަން ބޮޑު ކަމަކަށްވެފަ އެވެ. އެކަމަކު އުފެދޭ ސުވާލަކީ މިއީ އެވެ.

ހުދުމުހުތާރު ވެރިން ދުނިޔޭގެ އެއްވެސް ހިސާބެއްގައި ނެތް ދުވަހެއް އަތުވެދާނެ ހެއްޔެވެ؟ ނުވަތަ ހުދުމުހުތާރުވެރިން ދުނިޔެއިން އެއްކޮށް ނައްތައިލެވިދާނެ ހެއްޔެވެ؟

މީގެ އިތުރުން ހުދުމުހުތާރުވެރިން އުފެދި ފައްކާވެގެން އަންނަ ގޮތާއި މުސްތަގުބަލުގައި ހުދުމުހުތާރުވެރިންނަށް ދުނިޔެ އިން ލިބެން ހުރި ފުރުސަތުތަކަށް ބަލައިލުމަކީ ވެސް ނެތް ކަމެއް ނޫނެވެ.

އެކަމަކު އޭގެ ކުރިން ބަލާލަން ޖެހެނީ ހުދުމުހުތާރުވެރިކަމަކީ ކޮބައިތޯ އެވެ. އިލްމީ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި "ޑިކްޓޭޓާ" ނުވަތަ "ޑިކްޓޭޓާޝިޕް" ގެ މާނަ އެތައް ގޮތަކަށް ތަފްސީރުކުރެވިދާނެ އެވެ. ބަހުގެ ތަޖުރިބާކާރުން ބުނަނީ ބާރުތައް ހިންގަން ތިބޭ މީހުންގެ ބާރު ނުހިނގައި ވަކި މީހެއްގެ އަމުރަށް ހުރިހައި ކަމެއް ހިނގަން ފަށާ ހިސާބަކީ ޑިކްޓޭޓާޝިޕެއް އުފަންވާ ހިސާބު ކަމަށެވެ.

މާނަ އަކީ އެންމެ ލީޑަރެއް އަދި ވެރިކަން ކުރާ އެންމެ ޕާޓީއެއް ނުވަތަ އަސްކަރީ ލަޝްކަރެއްގެ ތެރެއިން ވެސް ހުދުމުހުތާރުވެރިޔަކު އުފެދިދާނެ ކަމެވެ.

އެހެންވީމަ ހުދުމުހުތާރު ވެރިކަމެއްގެ ސިފަތަކަކީ ކޮބައި ހެއްޔެވެ؟

ރައްޔިތުންނަށް އެކި ސިފަސިފައިގައި ބިރު ދެއްކުން އާންމުވެގެންދާނެ އެވެ. ޑިކްޓޭޓާޝިޕެއްގައި ބަސް ބުނާ މީހުންގެ ބާރު ކެނޑި މަދު ބަޔަކު ބޭނުންކޮށްގެން ދައުލަތް ހިންގުމަށް މަޖުބޫރުވާ ހިނދު އެކަމަށް ބޭނުންވާ މީހުން ހޯދުމަށް ކޮރަޕްޝަންގެ ދޮރު ހުޅުވާލަން މަޖުބޫރުވެ އެވެ.

އެހެންވީމަ ކޮރަޕްޝަނާއި އެކި ސިފަފައިގައި ބިރު ދެއްކުން އާންމުވެގެންދާނެ އެވެ. ނިކަން ރަނގަޅަށް ބަޔަކަށް ފައިސާގެ އިނާމުތަކެއް ދެމުން ގެންދާ ނަމަ އެ ބަޔަކު އެމީހުންގެ ވަފާތެރިކަމުގައި ދެމިތިބޭނެ އެވެ. މިއީ ތަޖުރިބާކާރުންގެ ވާހަކަ އެވެ.

ތަޖުރިބާކާރުން ބުނަނީ ހުދުމުހުތާރުވެރިންގެ ބޮން އަތަށް ގޮވާ ހިސާބަކީ ރައްޔިތުންނަށް މާ ހެޔޮ އެދޭ ބައެއްކަން ދައްކަން އެމީހުން މަސައްކަތްކުރާ ހިސާބު ކަމަށެވެ. މިއީ ހަގީގަތުގައި ވަރަށް ވެސް ބޮޑު ތެދެކެވެ.

ފަހުގެ ތާރީޚެއްގައި ފެނިގެން ދިޔަ ޒަމާނީ ޑިކްޓޭޓަރެއް ކަމުގައިވާ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިސާލަކަށް ނެގިދާނެ އެވެ. ރައްޔިތުންނަށް އެކި ކަންކަމުގައި މިނިވަންކަން ދެއްވަމުން ގެންދަވަނިކޮށް އެންމެފަހުން އެމީހުން މަގުމައްޗަށް ނުކުމެ މުބާރަކްގެ ވެރިކަން ވައްޓާލީ އެވެ. ނުވަތަ އިސްތިއުފާ ދެއްވަން މަޖުބޫރުވާ ފަދަ ހާލަތެއް ގެނައީ އެވެ.

ދިރާސާތަކުން ދައްކަނީ އަދި ތަޖުރިބާކާރުން ވެސް ބުނަނީ ރައްޔިތުން ބޭނުންވާ ކަންތައް ފުރިހަމަކޮށްދޭން ނުވަތަ ރައްޔިތުންނާ ވިންދާ އެއްގޮތަށް މަސައްކަތްކުރަން ހުދުމުހުތާރުވެރިންނަކަށް ނޭނގޭ ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮ އެދޭކަން ދެއްކުމަށް މިފަދަ ވެރިން އަޅުއްވާ ފިޔަވަޅުތަކަކީ ވިސްނުމުގެ ގޮތުން ބެލިޔަސް އެހާ ހަރުދަނާ ނިންމުންތަކެއް ނޫން ކަމަށެވެ.

އެހެންވީމަ މިއަދުގެ ދުނިޔޭގައި ހުދުމުހުތާރުވެރިންގެ ބާރު އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟

އެމެރިކާގެ ނޮން ގަވަމެންޓަލް އޯގަނައިޒޭޝަނެއް ކަމުގައިވާ ފްރީޑޮމް ހައުސް އިން ޑިކްޓޭޓާޝިޕް ސިފަކުރާ ގޮތަށް ބަލާއިރު އެމީހުން ބުނަނީ ދުނިޔޭގެ އާބާދީގެ ތިން ބައިކުޅަ ދެ ބައި ދިރިއުޅެމުން ގެންދަނީ ހުދުމުހުތާރުވެރިންގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި އަނިޔާވެރި ވެރިއެއްގެ ވަކިތަކުގައި ތާށިވެފައި ތިބި މީހުންގެ އަދަދު ދެ ބިލިއަނަށް އަރާ ކަމަށެވެ.

ނަމަވެސް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ހުދުމުހުތާރުވެރިންނާއި އެމީހުންގެ ވެރިކަން ވައްޓާލެވިދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.