ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރަން ޕީއާރު ކުންފުނިތަކެއް ހޯދަނީ

ބައެއް ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ ޕީއާރު ކުންފުނިތައް ހޯދަން، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއުލާނުކޮށްފި އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމަށް ޕީއާރު އެޖެންސީގެ ގޮތުގައި ހަރަކާތްތެރިވުމަށް ޗައިނާ އާއި މަކާއޯ އަދި ތައިވާންއިން ޕީއާރު އެޖެންސީ ތަކެއް ނަގަން ބޭނުންވާ ކަމަށެވެ. އަދި މި ކުންފުނިތައް ނަގާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ދަނީ ގިނަ ދާއިރާތަކެއް ބޭނުން ކުރަމުންނެވެ. މިގޮތުން މި މަސައްކަތުގައި ރާއްޖެ ތަމްސީލް ކުރަން ބޭރުގެ 15 ގައުމެއްގައި ހެދިފައި ހުންނަ ފޮރިން އޮފީސްތަކާއި އެމްބެސެޑަރުންނާއި އެމްބަސީތަކުގެ ބޭފުޅުނާއި ހަތަރު ޑިޕްލޮމެޓިކް ޕީއާރު ކުންފުނިން މިހާރުވެސް ރާއްޖެ އިޝްތިހާރު ކުރެ އެވެ. މީގެ އިތުރުން އޮންލައިން މާކެޓިންއަށް ހާއްސަކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދު އަވަސް އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ދެހާސް ފަނަރަ ވަނަ އަހަރުން ފެށި، އެމްއެމްޕީއާރްސީން އޮންލައިން މާކެޓިން އަށް ހާއްސަ އިސް ކަމެއް ދީ، ފެށި މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

"ސްޓެޓިސްޓިކްސްތައް ދައްކާ ގޮތުން، ދިވެހިރާއްޖެއާ ބެހޭ ގޮތުން ދެކެވޭ ހުރިހާ ވާހަކައެއް އެންމެ ގިނައިން ބަލާ ގައުމަކީ އެމެރިކާ. އެހެންވީމަ ރާއްޖެއާބެހޭ ގޮތުން ދެކެވޭ ރަނގަޅު ވާހަކަތައް ވެސް، ގޯސް ވާހަކަތައް ވެސް ބަލަނީ އެމެރިކާގައި. އެހެންވެ އޮންލައިން ކެމްޕޭންތައް ވަރުގަދަ ކަމުން ރާއްޖެއާ ބެހޭ ގޮތުން އެ ޝައުގުވެރިކަން އިތުރުވީ،" ހާރިސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މި އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ނިޔަލަށް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 726،515 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި އައި މީހުންނާ އަޅާ ބަލާއިރު 10.5 ޕަސެންޓް އިތުރު ވުމެކެވެ.