ދުނިޔެ

ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފާނެތީ މުސްލިމަކަށް ނުކަނޑާ ކޯކު ދަޅެއް ދޭން ދެކޮޅު ހަދައިފި

Jun 2, 2015

މުސްލިމް ފަސިންޖަރަކަަށް ނުކަނޑާ ކޯކު ދަޅެއް ދޭން އެމެރިކާގެ އެއާލައިނަކުން ދެކޮޅު ހެދި މައްސަލައެއް ހޫނުވެއްޖެ އެވެ.

ޗިކާގޯގެ ނޯތުވެސްޓަން ޔުނިވަސިޓީގައި ކިޔަވާ މުސްލިމް ކުދިންގެ ކަންކަން ބެލެހެއްޓުމުގެ ވަޒީފާ އަދާކުރާ ތޮހީރާ އަހުމަދު ފޭސްބުކްގައި ބުނި ގޮތުގައި ޗިކާގޯ އިން ވޮޝިންޓަން އަށް ކުރި އެ ދަތުރުގައި، ނުކަނޑާ ޑައެޓް ކޯކު ދަޅެއް ދޭން ފްލައިޓް އެޓެންޑެންޓް ކައިރިން އޭނާ އެދުނީ ސާފުތާހިރު ކަމަށް ބަލާފަ އެވެ. ވަކި ސަބަބެއް ނުބުނެ އެކަން ކޮށްދޭން ފްލައިޓް އެޓެންޑެންޓް ދެކޮޅު ހެދުމުން އޭނާ އެއްވެސް ޝަކުވާއެއް ނުކުރެ އެވެ.

އެކަމަކު، އެކަމާ ޝަކުވާކުރަން ޖެހުނީ ކައިރީގައި އިން އެހެން ފަސިންޖަރަކަށް ނުކަނޑާ ހުރި ބިއަރު ދަޅެއް ގެނެސްދިނުމުންނެވެ. އެއީ "ތަފާތުކުރުމެއް" ކަމަށް ފްލައިޓް އެޓެންޑެންޓް ކައިރީގައި ބުނުމުން، ފްލައިޓް އެޓެންޑެންޓް ބުނި ކަމަށް ވަނީ "ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފާނެތީ" ނުކަނޑާ ކޯކު ދަޅެއް ތޮހީރާ އަށް ދޭން ދެކޮޅު ހެދީ ކަމަށެވެ.

އެ މަންޒަރު ފެނުނުތޯ ކައިރީގައި އިން ފަސިންޖަރަކު ކައިރި އެހުމުން، އޭނާ ވެސް ވަނީ އިސްލާމް ދީނަށް ބަދުބަސް ބުނާ ގޮތަށް، ތޮހީރާއާ ދިމާއަށް އަވަގުރާނަ ގޮވާފަ އެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ޔުނައިޓެޑް އެއާލައިންގެ ސަރަހައްދީ ފްލައިޓުތައް އޮޕަރޭޓުކުރާ ޝަޓްލް އެއާވޭސްގެ ފްލައިޓެއްގައި ހިނގި މި ހާދިސާ ތޮހީރާ ވަނީ އޭނާގެ ފޭސްބުކްގައި ވަރަށް ތަފްސީލުކޮށް ޕޯސްޓުކޮށްފަ އެވެ. އެ ޕޯސްޓް 7،000 އަށް ވުރެ ގިނަ މީހުން ޝެއާކޮށްފައި ވާއިރު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޔުނައިޓެޑް އެއާލައިނަށް ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ.

އެކަމާ ގުޅިގެން ޔުނައިޓެޑް އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "އެރި އޮޅުމަކަށް ފަހު،" ތޮހީރާ އެދުނު ގޮތަށް ޑައެޓް ކޯކު ދަޅެއް ދެވޭތޯ ފްލައިޓް އެޓެންޑެންޓް އެތައް ފަހަރަކު މަސައްކަތް ކުރި އެވެ. އެކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކޮށް އެހީތެރިވުމަށް، ވޮޝިންޓަންގައި ބޯޓު ޖެއްސުމާ އެކު ބޯޓުގެ ކްރޫ ތޮހީރާއާ ބައްދަލުކުރި ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ޔުނައިޓެޑް އެއާލައިންގެ އެ ބަޔާނާ އެކު ތޮހީރާ ވަނީ އިތުރަށް ރުޅި ގަދަވެފަ އެވެ. ފޭސްބުކްގައި ފަހުން ކުރި ޕޯސްޓެއްގައި އޭނާ ބުނި ގޮތުގައި އެ އެއާލައިނުން މަސައްކަތް ކޮށްފައި ވަނީ އެ ހާދިސާގެ ހަގީގަތް ފޮރުވުމަށެވެ.