ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމެވުމާ ގުޅިގެން ވިޔަފާރީގެ ހުރިހާ މަސްލަހަތެއް ދޫކޮށްލައްވައި ކުންފުނިތަކުގައި ހުރި ހިއްސާތައް އެހެން ފަރާތްތަކަށް ބަދަލުކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާ، ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ވިދާޅުވީ އޭނާގެ ހިއްސާ އޮންނަ ޓޫރިސްޓް ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުވި 1.8 މިލިއަން ރުފިޔާގެ އަދާކުރަމުން ނުދާ ކަމަށް ބުނެ އުމަރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރު ކުރުމާ ގުޅިގެނެވެ.
އެ މައްސަލާގައި އުމަރު ވިދާޅުވީ އޭނާގެ ހިއްސާއެއް އޮތް އެއްވެސް ވިޔަފާރިއެއް މިވަގުތަކު ނޯންނާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމުމާ ގުޅިގެން ވިޔަފާރީގެ ހުރިހާ މަސްލަހަތެއް ދޫކޮށްލާ އެކި ކުންފުނިތަކުގައިއ ހުރި ހިއްސާތައް ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަން އިކޮނޮމިކް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
ނަމަވެސް ސިވިލް ކޯޓުން އަމުރު ނެރުނު މައްސަލާގައި އެ ކޯޓަށް ގޮސް މައުލޫމާތު ސާފު ކުރި އިރު ޓޫރިސްޓްސް ސަބްމެރީން މޯލްޑިވްސްގެ ހިއްސާދާރުންނާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެ ކޯޓަށް ލިބިފައި ނުވާ ކަން އެނގުނު ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންކަމުން އެ މައުލޫމާތުތައް މިހާރު ކޯޓަށް ސާފުކޮށްދިފައިވާނެ ކަމަށާއި ލަސްނުކޮށް އިތުރު ފައިސަލާއެއް ސިވިލް ކޯޓުން ކުރައްވާނެ ކަމަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ޓޫރިސްޓް ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން މުވައްޒަފުންގެ ރިޓަޔާމަންޓް ޕެންޝަން ފައިސާގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކުރި އެވެ. އެ ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ހުކުމާ އެއްގޮތަށް ދަރަނި ދައްކާފައިނުވާތީ ޕެޝަން އޮފީހުން ވަނީ އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އިތުރު މައްސަލައެއް ސިވިލް ކޯޓަށް ވައްދާފަ އެވެ. އެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު އިއްޔެ އުމަރު ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏާ ބެހޭ ގަވައިދުގެ ދަށުންނެވެ. އެ ގަވައިދުގައިވާ ގޮތުން ކުންފުންޏެއްގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވާނަމަ އެ ދަރަންޏެއް ދައްކާ ނިމެންދެން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ.
އަންނަ ރިޔާސީ އިންތިހާބަށް އުމަރު ކުރިމަތިލައްވަން ނިންމަވާފައިވާއިރު ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެއްވޭނެ އެވެ.