ދުނިޔެ

ޗައިނާގައި ބޯޓެއް ފެތި 450 އަށް ވުރެ ގިނަ މީހުން ކަނޑުވެއްޖެ

Jun 2, 2015

ޗައިނާގެ ދެކުނު ސަރަހައްދެއްގެ ކޯރެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި، 450 އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި ބޯޓެއް މިއަދު ހެނދުނު ފެތިއްޖެ އެވެ.

ޗައިނާގެ ގައުމީ ނޫސް އެޖެންސީ، ޒިންހުއާ އިން ބުނި ގޮތުގައި އުތުރުގެ އަވަށެއް ކަމަށްވާ ނަންޖިން އިން ފުރައިގެން ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ޗޮންގިން އަވަށަށް ދަތުރުކުރަނިކޮށް، ޔަންގް ޒީ ކޯރަށް ފެތުނު ބޯޓުން ދަތުރުކުރި އަށް މީހަކު މިހާތަނަށް ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު ހިމެނޭއިރު، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އީސްޓާން ސްޓާގެ ނަމުން ނަން ދީފައިވާ ބޯޓުގައި ތިބީ 405 ޗައިނާގެ ފަސިންޖަރުންނާއި އެ މީހުންނާ ހަވާލުވެގެން ދިޔަ ޓްރެވަލް އެޖެންސީގެ ފަސް މުވައްޒިފެއްގެ އިތުރުން 47 ފަޅުވެރިންނެވެ.

ބޯޓުގެ ކެޕްޓަނާ ހަވާލާދީ ޒިންހުއާ އިން ބުނި ގޮތުގައި ހުބޭއީ ޕްރޮވިންސްގެ ޖިއަންލީ އަވަށް ހުރަސްކުރަނިކޮށް ބޯޓު ފެތުނީ ނަގޫރޯޅިއެއްގައި ޖެހިގެންނެވެ.