ހަބަރު

ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ބާރުތައް އަލުން ދޭނަން: އިބޫ

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް ގާއިމް ކުރެވިއްޖެނަމަ ފުރަތަމަ ދުވަހުން ފެށިގެން ލާމަރުކަޒީ ނިޒާމްގެ ދަށުން ކައުންސިލްތަކަށް ދޭން ޖެހޭ ބާރުތައް ދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑީޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ، ރާއްޖެ ތަރައްގީކޮށް ރައްޔިތުންނަށް ހިދުމަތް ދެވޭނީ ރައްޔިތުންނާ ވިހާވެސް ގާތުން މަސައްކަތް ކޮށްގެން ކަމަށާއި ލާމަރުކަޒީ ނިޒާމް ތައާރަފް ކުރެވިގެންދިޔައީ އެކަމަށްޓަކާ ކަމަށެވެ. އަދި ވިދާޅުވީ، ހާއްސަކޮށް އެމްޑީޕީ ހިމެނޭ ސަރުކާރެއްގައި ލާމަރުކަޒީ ނިޒާމަށް ޖާގަ އޮންނާނެ ކަމަށާއި ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ގޮތަކީ އެއީ ކަމަށް އިބޫ ވިދާޅުވި އެވެ.

"މިއަދު ސިޓީ ކައުންސިލަށް ހާޒިރުވުމުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ނަން ބޯޑެއް ހުރިތަން، މިއީ 1100 އަށްވުރެ ގިނަ ސްޓާފުންނާއެކީގައި މަސައްކަތް ކުރަމުންއާތަނެއް، މިއަދު ގާތްގަނޑަކަށް 50 ވެސް ހަމަނުވޭ، ބަޖެޓަށް ބަލާއިރު މުޅި އަހަރަށް މި އޮންނަނީ 7000 ރުފިޔާ، އެކަހަލަ ވަރަށް ގިނަ ދަތިތަކެއް ރައީސް އަބުދުﷲ ޔާމީންގެ އަނިޔާވެރި ސަރުކާރުން އެބައޮތް ސިޓީ ކައުންސިލަށް ކުރިމަތި ކޮށްފަ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މިއަދުގެ ބައްދަލުވުމުން ގެންނަން ޖެހޭ ބަދަލުތައް ވަރަށް ސާފުވެއްޖެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމުން ލިބެން ޖެހޭ ބާރުތަކާއި ފައިސާގެ މާލީ އެހީތެރިކަން ބަޖެޓްތެރެއިން ލިބެމުންދާނެ ކަަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ވެރިކަމަށް ކުރިމަތި ލައްވަނީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ކޯލިޝަނުން އެއްބަސްވެވޭ މެނިފެސްޓޯއެއް އެކުލަވާލެވި މެނިފެސްޓޯ ފައިނަލް ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އެއްކުރާ މައުލޫމާތުތަކާއެކީގައި، މެނިފެސްޓޯ ފައިނަލްވެ ޕޮލިސީތައް ފައިނަލް ވެގެން އަންނާނެ، ވަރަށް އަވަހަށް އެ ކަންކަން ހާމަ ކުރައްވަމުން ގެންދަވާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ، ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ ގާނޫނު އަސާސީ އަދި ލާމަރުކަޒީ ނިޒާމް ތައާރަފްވެގެންއާއިރު ގާނޫނުތަކުން ލިބިދީފައިވާ ބާރުތައް އަލުން އިއާދަކޮށް ރައްޔިތުންނާ ގާތުން ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމްގެ ތެރެއިން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ސަރުކާރުން ވަރަށް ބޮޑަށް ބާރުތައް ނަގައި އިނދަޖައްސާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.