overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަދުރޭގެ ވާހަކަ އޮޅުވާލަނީ، ސަރުކާރުގެ ވަސީލަތެއް ބޭނުމެއް ނުކުރަން: ނިހާން

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ސަރުކާރުގެ އެއްވެސް ވަސީލަތެއް ޕީޕީއެމްއިން ބޭނުމެއް ނުކުރާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ "އަތޮޅު ޖަގަހަ" ހުޅުވުމަށް ބޭއްވި ހަފްލާގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރެއް ހޯއްދެއްވުމަށް ކެމްޕެއިން ކުރައްވާނީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިއާއިން ރިޕޯޓު ކުރި ހަބަރަށް އިޝާރަތް ކުރައްވަމުންނެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ އަދި އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ އަބްދުއްރަހީމް ދެއްކެވި ވާހަކަތަކުގެ މާނަ އޮޅުވާލައިގެން ދައްކަވާ ވާހަކައެއް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ފަރާތްތަކުން ރީ ރަޖިސްޓްރޭޝަންގައި އެހީތެރިވެދިނުމަކީ ލާޒިމްކަމެއް ކަމަށާއި ނަމަވެސް ޕީޕީއެމްއިން ސަރުކާރުގެ އެއްވެސް ވަސީލަތްތަކެއް ބޭނުމެއް ނުކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ ނޫނެކޭ، މިކަމާ ގުޅިގެން ރީ ރަޖިސްޓްރޭޝަންގެ ފޯމު ޗާޕު ކުރަނީ އަޅުގަނޑުމެން އަމިއްލައަށް، އޭގައި ސްޓޭމްޕު ޖަހަން ގެންގުޅޭ ދަޅު މި ގެންގަންނަނީ އަޅުގަނޑުމެން، ދަތުރުފަތުރު މިކުރަނީ އަޅުގަނޑުމެން، އަޅުގަނޑުމެން އަމިއްލައަށް ތަންތަނަށް އެއްވަަނީ ތަންތަން ކުއްޔަށް ހިފައިގެން ނޫން ގޮތަކަށް ބޭނުމެއް ނުކުރަން އަޅުގަނޑުމެންގެ ޖަގަހަތައް މިހުރީ، މީގަ ދައުލަތުގެ މުދަލާއި ސަރުކާރުގެ މުދަލެއް ކޮބައިތޯ،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް ދައުލަތުގެ މުއައްސަސާތަކުންނާއި ކުންފުނިތަކުން ކުރަމުން ގެންދަނީ އެ ފަރާތްތަކުގެ ފަރުދީ ޒިންމާ އަދާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަން ކުރައްވަނީ ޕީޕީއެމް އިން އަންގައިގެން ނޫން ކަމަށާއި އެއީ ވޯޓުލުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދެވޭނެ ގޮތަކަށް ހެދުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.

"ދައުލަަތަށް ލާޒިމް ކުރާ ކަމެއް ފަރުދީ ގޮތުން ވެސް އެ ހުންނަ ޒިންމާތައް އަދާ ކުރުމަށްޓަކައި އެހީތެރިވުން، އެއީ ދައުލަތުން ކުރާ ކަމެއް، އެހެންވެ ދައުލަތުގެ އޮފީސްތަކުން އެކަންކަމަށް މުއައްޒަފުންނަށް އެހީތެރިވުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ކަމަކަށް ވުރެ ދައުލަތުގެ މައްޗައް ވެސް ލާޒިމް ކުރާ ކަމެއް، އެހެންވެ އެއްވެސް ހާލެއްގައި އެއީ ވަކި ޕާޓީއަކުން ވަކި ބަޔަކު އަންގައިގެން ކުރާ ކަމެއް ގޮތުގައި މާނަ ކުރުމަކީ އެ ބޭފުޅުން [އިދިކޮޅު ފަރާތްތަކުގެ] ނުކުޅެދުންތެރިކަން،" ހަލީލް ވިދާޅުވި އެވެ.

ސަރުކަރުގެ ވަސީލަތްތައް ބޭނުން ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި މައްސަލާގައި އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި، ފުލުހުންގެ އިދާރާގެ އިތުރުން އިލެކްޝަންސް ކޮމިޝަން، އީސީއަށް މައްސަލަ ހުށަހަޅާނެ ކަމަށް އެމްޑީޕީ އިން މިއަދު ވަނީ ބުނެފަ އެވެ.