ހަބަރު

ހުރާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

Jul 25, 2018

ކ. ހުރާ ބިން ހިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިއަތު އެވެ.

މި އެއްބަސްވުމުގެ ދަށުން ހުރާއިން 10 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވެއެވެ. މި މަޝްރޫއަށް ސަރުކާރު ބަޖެޓުން ގާތްގަނޑަކަށް 33 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައި ވެއެވެ. މި މަސަައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މުއިއްޒު ވިދާޅުވީ، މި މަޝްރޫއަކީ ރައީސް އަބުދުﷲ ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ހިމެނޭ ވަރަށްވެސް މުހިންމު މަޝްރޫއެއް ކަމަށާއި މިކަމަކީ ހުރާގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއް ކަމަށެވެ.

"އީއައިއޭވެސް ހެދުމުގެ މަސައްކަތް މިވަނީ މިއަދު ބަޔަކާ ހަވާލު ކުރެވިފަ، އީއައިއޭވެސް މާލަސްތަކެއްނުވެ ނިމޭނެ، އަދި އީއައިއޭ ހަމަ ނިމޭތަނުން ބަންޑުވަލް ޖެހުމުގެ މަސައްކަތާއި އެއާއެކީގަ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ، މިބަލަނީ ތިން ހަފްތާ ދުވަހެއްގެ ތެރޭގައި އީއައިއޭ ނިމޭނެ ކަމަށް،" މިނިސްޓަރި ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޒިޔަތު ވިދާޅުވީ، ހުރާގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނީ މަހާ ޖައްރާފް ބޭނުން ކޮށްގެން ކަމަށެވެ. އަދި މަހާ ޖައްރާފް ބޭނުން ކޮށްގެން ދެދުވަހުން ހެކްޓަރެއް ހިއްކޭނެ ކަމަށާއި ގާތްގަނޑަކަށް ވިހި ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، ކޮންޓްރެކްޓްގެ މުއްދަތު ހަ މަސް ދުވަސް ޖަހާފައިން ނަމަވެސް އެެއަށްވުރެ ކުރިން މަސައްްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.