ދުނިޔެ

ޣައްޒާއަށް ދޭ ވައިގެ ހަމަލާތައް އިޒްރޭލުން ހުއްޓައިނުލި

Jul 26, 2018

ޣައްޒާ (ޖުލައި 26) - އިޒްރޭލުން ހިސޯރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ޣައްޒާއަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ތިން މީހަކު މަރުވެފައިވާކަމަށް، ފަލަސްތީނުން ބުނެފި އެވެ.

އދ. މެދުވެރިވެގެން، ޣައްޒާ ކޮންޓްރޯލު ކުރާ ހަމާސްއާއި އިޒްރޭލުން ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ދެފަރާތުން އެއްބަސްވެފައިވަނިކޮށް، އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި، ތިން މަރުވެފައިވާއިރު، އިތުރު ދެ މީހަކު ޒަހަމްވެ ސީރިއަސް ހާލަތުގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފަލަސްތީނު ހެލްތު މިނިސްޓްރީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އިޒްރޭލު ސިފައިން ބުނީ، އިއްޔެ ދިން ހަމަލާތަކަކީ، ހަމާސް އިން ދިން ހަމަލާތަކެއްގެ ރައްދުގައި ދެވުނު ހަމަލާތަކެއް ކަމަށެވެ.

ދާދި ފަހުން އިޒްރޭލުން ދިން ވައިގެ ހަމަލާތަކަކީ 2014 ގެ ހަނގުރާމައިގެ ފަހުން ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތާއި ދެކޮޅަށް ދިން "އެންމެ ވަރުގަދަ" ހަމަލާތައް ކަމުގައި އިޒްރޭލު ސިފައިން ވަނީ ސިފަކޮށްފަ އެވެ.

މި ހަމަލާތަކުގައި ފަލަސްތީނުގެ އެތަކެއް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، އިޒްރޭލުން ހަމަލާދެނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށް ވެސް ދަނީ ތިހުމަތު ކުރަމުންނެވެ.

ހަމާސް އިން 90 އަށް ވުރެ ގިނަ ރޮކެޓު ހަމަލާތައް ދީފައިވާ ކަމަށާއި، ތިން މީހަކު ޒަހަމްވެފައިވާ ކަމަށް އިޒްރޭލު ސިފައިން ވަނީ ބުނެފަ އެވެ.

ދެ ފަރާތުން ވައިގެ ހަމަލާތައް ދީފައިވަނީ، ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މިދިޔަ މާޗު މަހުން ފެށިގެން މުޒާހާރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.