overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫ އާއި ފައިސަލްގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހަޅައިފި

Jul 26, 2018
15

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ދާދި ދެންމެއަކު ހުށަހަޅައިފި އެވެ. އެ ފޯމާ ހަވާލުވެ ވަޑައިގެންނެވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.

އެ ފޯމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އެ ކެންޑިޑެސީ ބަލައިގަތްކަން ނުވަތަ ނޫންކަން 48 ގަޑިއިރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަމުގެ ލިޔުން ކެންޑިޑޭޓާ ހަވާލު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކެންޑިޑެންސީ ފޯމް ހުށަހެޅުއްވުމަށްފަހު އިބޫ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާނީ އިންސާފުވެރި މިނިވަން އިންތިހާބެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އިދިކޮޅު ޕާޓީތަކުގެ ޝަކުވާތައް އިންތިހާބާ ގުޅޭ ގޮތުން އެބަ ހުރި ކަމަށާއި އެކަންކަން ހައްލުކޮށް ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިންތިހާބުގެ ކަންކަމުގައި އިދިކޮޅު ޕާޓީތަކުން އިލެކްޝަން ކޮމިޝަނަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފައިސަލް ނަސީމް ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ނަގާ ވޯޓަކީ މިނިވަން ވޯޓަކަށް ވާން ޖެހޭ ކަމަށާއި އެކަން އިލެކްޝަން ކޮމިޝަނުން ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމަށެވެ.

ޝަރީފް ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ވެސް އުއްމީދު ކުރަނީ އިންތިހާބުގެ ކަންކަމުގައި ޕާޓީތަކުން އެއްބާރުލުން ލިބޭނެ ކަމަށް ކަމަށެވެ. އިލެކްޝަން ކޮމިޝަނުން އަމަލު ކުރަމުންދާނީ ގާނޫނީ އިމުގެ ތެރެއިން ކަމުގެ ޔަގީންކަން ވެސް ޝަރީފް ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން ރީ ރަޖިސްޓްރީކުރަމުންދާތީ އެކަމާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން ހުށަހެޅި ޝަކުވާ ވެސް ބަލާފައިވާނެ ކަމަށާއި އިލެކްޝަން ކޮމިޝަންގެ އިލްތިމާސްއަކީ ރީ ރަޖިސްޓްރީކުރާ ގޮތާމެދު އެއްވެސް ޝައްކެއް އޮތްނަމަ ކޮންމެ މީހަކު ވެސް އިލެކްޝަން ކޮމިޝަންގެ ޕޮއިންޓަކަށް ގޮސް ރީ ރަޖިސްޓްރީކުރުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް ކެންޑިޑެންސީ ފޯމް ހުށަހަޅުއްވަން ނުކުމެވަޑައިގަތީ އެމްޑީޕީގެ އޮފީހުންނެވެ. އެ ހިސާބުގައި އިދިކޮޅު ޕާޓީތަކުގެ ވެރިންނާއި ސަޕޯޓަރުން އެއްވެ ތިއްބެވެ. ޕާޓީތަކުން ރޭވީ ބޮޑުބެރާއެކު ހިނގާފައި ގޮސް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހެޅުމަށެވެ. އެކަމަށް ފުރަތަމަ ފުލުހުން ހުރަސް އެޅި އެވެ. މަގުމަތީ ހިނގާފައި ދިޔުމަށް ހުރަސް އަރައި ފުލުހުންގެ ސަފުތައް ދަމާލި އެވެ.

އެކަމަކު އޭގެ އިރުކޮޅެއް ފަހުން ހުރަސް އަޅައިގެން ތިބި ފުލުހުން އެ ސަރަހައްދުން ދިޔަ އެވެ. އަދި އިބޫ އާއި ފައިސަލަށް ހިނގަވާފައި ފޯމް ހުށަހަޅުއްވަން އިލެކްޝަން ކޮމިޝަނަށް ވަޑައިގަންނަން ފުލުހުން ފުރުސަތު ދިނެވެ. އެމްޑީޕީ އޮފީހުން އިލެކްޝަން ކޮމިޝަނާ ހިސާބަށް ދިޔައީ ވަރަށް ފޯރީގައި ބޮޑުބެރު ވެސް ޖަހަމުންނެވެ. މިއީ މިފަހުން މާލޭގެ މަގެއް މަތީ މިފަދަ ހިނގާލުމެއް ބޭއްވުނު ފުރަތަމަ ފަހަރެވެ. ހިނގާލުމުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުން ވެސް ދިޔަ އެވެ.

އިލެކްޝަން ކޮމިޝަން ކުރިމަތީގައި ވެސް ފުލުހުންގެ ސަފު ހަދައިގެން ތިއްބެވެ. އިލެކްޝަން ކޮމިޝަނާ ހަމައަށް ދާން ފުލުހުން ފުރުސަތު ދިނީ އިބޫ އާއި ފައިސަލްގެ އިތުރުން ޕާޓީތަކުގެ އިސް ބޭފުޅުންނަށް އެކަންޏެވެ. ސަޕޯޓަރުން ވަނީ ފަހަތަށް ޖައްސާފަ އެވެ.