ވިޔަފާރި

މޯލްޑިވްސް ޝޯކޭސް ސްރީލަންކާގައި ފަށައިފި

Jul 26, 2018

ދިވެހި 40 ކުންފުންޏާއެކު، "މޯލްޑިވްސް ޝޯވް ކޭސް" ސްރީލަންކާގައި މިއަދު ފަށައިފި އެވެ.

ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން އެންޑޯޒްކޮށްގެން، ހައިރައިޒް އިން ސްރީލަންކާގައި މިއަދާއި މާދަމާ ބާއްވާ މި ފެއާ ފައްޓަވައި ދެއްވީ ސްރީލަންކާގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ ރައީސް ރަޖަވަންޓްރަމް އެވެ. މި ފެއާގައި ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާގެ ރައީސް އަބްދުﷲ ގިޔާސްވެސް ބައިވެރިވެ ވަޑައިގަތެވެ.

ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ މި ފެއާގައި ދިވެހި އުފެއްދުންތަކެއް ވެސް ހުށަހަޅައި ދީފައިވާ ކަމަށެވެ. އަދި ފެއާ އިންތިޒާމުކޮށްފައިވަނީ ބައިވެރިވާ ދިވެހި ވިޔަފާރިތަކާއި ބޭރުގެ ފަރާތްތަކާއެކު 2،000 މީޓިން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ސްރީލަންކާގައި ހުންނަވާ ވިދާޅުވީ ފެއާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ސްރީލަންކާއަކީވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ ގެނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާތްގަނޑަކަށް 400 އެއްހާ އެޖެންޓުންނަށް އިންވައިޓް ކުރިން. އެހެންވެ، އުންމީދު ކުރަނީ ވަރަށް ރަނގަޅު ވާނެ ކަމަށް،" އަބްދުﷲ ވިދާޅުވި އެވެ.

މޯލްޑިވްސްޝޯ ކޭސް މި އަހަރު ސްރީލަންކާގައި ބޭއްވުމަށްފަހު، ހައިރައިޒްއިން ރާވާފައިވަނީ މި ފެއާ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ބޭއްވުމަށެވެ.