overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

މިނިވަން ދުވަހު އިދިކޮޅަށް މިނިވަންކަމުގެ އުފަލެއް!

ބެރުވެރިންނާއެކު މަގުމަތީގައި އެތުރިލައިގެން އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ތިބީ އެމީހުންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި އެބޭފުޅާގެ ރަނިންމޭޓް ފައިސަލް ނަސީމް ރަސްމީ އިއްޒަތުގައި ގެންގޮސް އިލެކްޝަން ކޮމިޝަނަށް ވެއްދުމަށެވެ. ދިދަތަކާއި ބެނާތައް ހިފައިގެން ތިބި ސަޕޯޓަރުން ސަފުތައް ހަދާލައި ހެވިފައި ތިއްބައި އެމީހުންގެ ހުރަކަށްވީ އާދައިގެ މަތިން ފުލުހުންނެވެ.

އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަކީ އަބަދުވެސް މަގުމަތީ ހަރަކާތްތަކުގައި އެންމެ ކުރީގައި އުޅޭ ޕާޓީ އެވެ. މަގުމަތީ ހަރަކާތްތަކަށް އަބަދުވެސް އެ ޕާޓީ އޮންނަނީ ތައްޔާރަށެވެ. ނަމަވެސް މަގެއް މަތީ އެ ޕާޓީގެ މެންބަރުންނަށް ހިނގައިނުލެވޭތާ ވެސް މިހާރު ދެ އަހަރު ވަނީ އެވެ. ސިޔާސީ ހިންގާލުމެއް ނުވަތަ އިޖުތިމާއީ ކަމެއްގައި އަޑުއުފުލުމަށް ވެސް މަގުމަތީގައި ހިނގާލުމަކީ ފުލުހުން ވޭތުވެދިޔަ ދެ އަހަރު ހުރަސް އަޅަމުން ދިޔަ ކަންކަމެވެ.

މިއަދު އެމްޑީޕީ އޮފީސް ކުރިމަތީގައި ފުލުހުންގެ ސަފުތައް ދަމާލައި ޕާޓީތަކުގެ ބޭފުޅުންނާއި ސަޕޯޓަރުންނަށް ކުރިއަށް ނުދެވޭ ގޮތަށް ބަންދުކުރި އެވެ. އެގޮތަށް ފުލުހުން އެމީހުން ހިފަހައްޓައިގެން ތިއްބެވެ. ސަޕޯޓަރުންގެ ނުރުހުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. މިނިވަން ދުވަހު މިނިވަންކަމެއް ނެތް ކަމަށް ބުނަމުން ދިޔަ އެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން ފުލުހުންގެ ހިޔާލު ބަދަލުވެ ހުރަސް އަޅައިގެން ތިބި ފުލުހުން އެ ސަރަހައްދުން ގޮސްފި އެވެ. އަދި މަގު ހުޅުވާލަދިނެވެ.

އެފަދަ ހިނގާލުމަކަށް "ފެން ބޮވައިގެންފައި" ތިބި ޕާޓީތަކުގެ ސަޕޯޓަރުން އުފުލުން ފޮޅުނެވެ. ކެންޑިޑޭޓާއެކު ހިނގައިގަތީ ބޮޑުބެރުގެ ފޯރިއާއެކު ވަރަށް އުފަލުންނެވެ.

ސޯސަންމަގުން ފެށިގެން ބުރުޒު މަގުން އިލެކްޝަން ކޮމިޝަނާ ހަމައަށް ހިނގާލެވުނެވެ. އެއްވެސް ސަރަހައްދަކުން ފުލުހުންގެ އެއްވެސް ހުރަހެއް ނާޅަ އެވެ. އޭގެ ބަދަލުގައި ހިނގާލުމުގެ ބައިވެރިންގެ ކުރިން ފުލުހުންގެ ސައިކަލެއް ސެކިއުރިޓީ ބަލަހައްޓައިދީ ހިނގާލުމަށް މަގު ތަނަވަސްކޮށްދެމުންދިޔަ އެވެ. އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ސަލާމަތީ ކަންކަން ވެސް ފުލުހުން ބަލަހައްޓަމުން ދިޔަ އެވެ.

"ވަރަށް އުފާވި މިއަދު އެއްވެސް ހުރަހެއް ނެތި މިފަދަ ހަރަކާތެއް ކުރިއަށް ދިޔައީމަ، ވަރަށް ދުވަހަށްފަހު މިފަދަ އުފާވެރި ކަމެއް މި ލިބުނީ،" އެމްޑީޕީގެ އާންމު މެންބަރަކު ބުންޏެވެ.

ހިނގާލުމަށް ފުލުހުން ހުރަސް ނޭޅި ނަމަވެސް އިލެކްޝަން ކޮމިޝަނާ ހަމައިން ޕާޓީތަކުގެ އާންމު މެންބަރުން ފުލުހުން ހިފެހެއްޓި އެވެ. އިލެކްޝަން ކޮމިޝަންއާ ހަމައަށް ދިޔުމަށް ފުރުސަތު ދިނީ ޕާޓީތަކުގެ އިސް ބޭފުޅުންނަށާއި މީޑިއާއަށް އެކަންޏެވެ.

މިއަދުގެ ހިނގާލުމަށް ފުރުސަތު ފުލުހުން ދީފައިވާތީ އެކަން އިބޫ ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. ޕާޓީތަކުން ކުރިއަށް އޮތްތަނުގައި ހިންގާ ސިޔާސީ ހަރަކާތްތަކަށް ވެސް އެގޮތަށް ސަރުކާރުގެ މުއައްސަސާތަކުން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ކެންޑިޑޭޓާއި ރަނިންމޭޓް ބައިވެރިވަޑައިގަންނަވާ އިވެންޓްތައް ސަލާމަތީ ބާރުތަކަށް އަންގައިގެން އެ ފަރާތްތަކާ ގުޅިގެން ބޭއްވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހަމަހަމަ ފުރުސަތު ލިބޭތޯ އިލެކްޝަން ކޮމިޝަނުން ޔަގީން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.