ކުޅިވަރު

ކުޅިވަރުގެ ޝަރަފުވެރި އިނާމު ބޮޑުހީނާއަށް

ކުޅިވަރަށް ހިދުމަތް ކުރެއްވުމުގެ ޝަރަފުވެރި ގައުމީ އިނާމު ރާއްޖޭގެ އުފެދުނު އެންމެ މޮޅު އެއް ކޯޗް އަހްމަދު ސަލީމް (ބޮޑު ހީނާ) އަށް އަރުވައިފި އެވެ.

މިނިވަން ދުވަހުގެ މުނާސަބާތާ ގުޅިގެން، ދޭ ޝަރުފުވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދިނުމަށް ބޭއްވި ހަފުލާގައި ބޮޑުހީނާއަށް ޝަރަފުވެރިކަމުގެ އިނާމު އެރުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

ކުލަބު ވެލެންސިއާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޮޑުހީނާ އަށް ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ހިތްވަރު ދިނުމުގެ އިނާމު 2007 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ. ކުލަބު ވެލެންސިއާ އުފައްދަވައި ރާއްޖޭގެ ފުޓްބޯޅަ ސްޓައިލަށް އިންގްލާބީ ބަދަލެއް ގެންނެވުމުގައި ބޮޑުހީނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ރާއްޖޭގައި ތިރިން ޕާސްކޮށްގެން ކުޅޭ ފުޓްބޯޅައެއް ތާރަފު ކުރީ ކުލަބު ވެލެންސިއާއިންނެވެ. ފުޓްބޯޅައިގެ ގޭމް ސިސްޓަމަށް ގެނެވުނު އެ ބަދަލުގައި ހީނާގެ މުހިންމު ހިއްސާއެއް އޮތެވެ.

ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގައިވެސް އޭނާ ވަނީ ގައުމީ ޓީމަށް ކުޅުއްވާފަ އެވެ. މިހާރު އޭނާ އެންމެ ހާއްސަ ވަނީ އާ ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރާ ކޯޗެއްގެ ގޮތުގަ އެވެ. އޭނާ އިސްވެ ހިންގާ އާލީ ޓަޗް ފުޓްބޯޅަ އެކެޑެމީއަކީ ރާއްޖޭގައި އެންމެ ހަރަކާތްތެރި އެއް އެކެޑެމީ އެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގެ ހިތްވަރު ދިނުމުގެ އިނާމު

މިރޭ ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ހިތްވަރު ދިނުމުގެ އިނާމު ވޮލީކޯޗް އިބްރާހިމް ރަޝީދު (ސަތޯ) އާއި ގައުމި ވޮލީޓީމުގެ ކެޕްޓަން އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އަށް އަރުވާފަ އެވެ.

ސަތޯއަކީ ރާއްޖޭގެ ވޮލީބޯޅައިގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. އަތޮޅު ތެރެއަށް ގޮސް ކޯޗިން ކޯސްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް އޭނާ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ލޯންގޭއަކީ މިހާރު ގައުމީ ޓީމަށް ކުޅެމުންދާ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. މިހާރު ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއްގެ ތަށި އުފުލާފައިވާ ލޯންގޭއަކީ، ވޮލީގައި ދިވެހި ސިފައިންގެ ކުލަބު ހޯދި ކާމިޔާބުތަކުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ.

ކުޅިވަރަށް ހިދުމަތް ކުރުމުގެ ހިތްވަރު ދިނުމުގެ އިނާމު ވަނީ ސްވިމިންގައި މަސައްކަތް ކުރާ ނައުފަލް މޫސާ އޭނާ ވަނީ ގިނަ ފެތުންތެރިންނަށް ތަމްރީންކޮށް ދީފަ އެވެ. އޭނާ ވަނީ ކުރިން ލެގޫން ސްވިމިން ކުލަބުގައި މަސައްކަތް ކޮށްފަ އެވެ.