ހަބަރު

އިބޫގެ ވައުދު: މުސާރަތައް ރިވިއުކޮށް، އިތުރު ގަޑީގެ ލިިމިޓް ކަނޑާލާނެ

ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ މުސާރަ ލިމިޓްކޮށްފައި އޮންނަ އޮތުން ހުއްޓާލައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންނާ ގުޅޭ ގޮތުން ގެންގުޅުއްވާ ސިޔާސަތު އިބޫ ހާމަކުރައްވާފައިވަނީ ރާއްޖެ ޓީވީއިން ގެނެސްދޭ "އިބޫ" ޕްރޮގްރާމްގަ އެވެ. މިރޭ އެ ޕްރޮގްރާމްގައި އިބޫ ވިދާޅުވީ، ކިތަންމެ ގިނަ އިރަކު މަސައްކަތް ކުރި ނަމަވެސް އިތުރު ގަޑީގެ މުސާރަގެ ގޮތުގައި ވަކި ވަރެއް ލިބޭ ގޮތަށް އޮންނަ އޮތުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ.

ލިމިޓެއް ނެތި މުވައްޒަފުންނަށް މުސާރަ ލިބެންޖެހޭނެ ކަމަށް ވިދާޅުވެ، ހާއްސަކޮށް ޓީޗަރުންނާއި ނަރުހުން އޭގެ ތެރޭގައި އިބޫ ފާހަގަކުރެއްވި އެވެ.

އިބޫ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ރިވިއު ކުރަންޖެހޭ ކަމަށާއި ގެންނަން ޖެހޭ ބަދަލުތައް މިހާރު ވެސް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަން ވެސް މިހާރު އޮތީ ސިޔާސީ ނުފޫޒެއްގެ ތެރޭގައި ކަމަށާއި އެކަމުން އެ ކޮމިޝަނުން އޭނާގެ ސަރުކާރެއްގައި މިނިވަން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް އެމީހަކު ބޭނުންވާ ސިޔާސީ ފިކުރަކަށް ތާއިދުކުރުމުގެ ހައްގު އޮންނާނެ ކަމަށާއި އިދިކޮޅުގެ ވެރިކަމެއްގައި ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.