އަބަދުވެސް އަޑުއަހާ ވާހަކައެކެވެ. ބ. ތުޅާދޫއަކީ ސިޔާސީ ފޯރީގައި އެވަރެއް ނެތެވެ. ސިޔާސީ ވާދަވެރިކަމާއި ޖޯޝު އުތުރިއަރާ ރަށެއް ކަމެވެ. ސިޔާސީ ގޮތުން ހަމަނުޖެހުންތައް ވެސް މީގެކުރިން ހިނގައި ހަބަރުތަކުގެ ފަލަ ސުރުހީތަކުން މި ރަށް ޖާގަ ހޯދި އެވެ.
މިއަދު ހަވީރު ތުޅާދޫއަށް ދާން ފުރުސަތު ލިބުމާއެކު އެ ރަށުގައި އޮންނަ ފޯރިއާމެދު ހިޔާލުކޮށްލެވުނެވެ. އަތޮޅުގެ ގޮއިދޫއިން ފުރައިގެން ގަދަ ކަނޑެއްގައި ތުޅާދޫގެ މަލަމަތި ފެންނަ ހިސާބަށް އާދެވިއްޖެ އެވެ. ހީކުރި ގޮތެކޭ ތަފާތެއް ނެތެވެ. ރަށުގެ މަލަމަތިން ނުފެންނަ ކުލައެއް ނެތެވެ. ރީނދޫ، ފިޔާތޮށި، ފެހި އަދި ރަތް ކުލަ އެވެ. ދިވެހިންގެ މެދުގައި އެންމެ ހިނގާ ސިޔާސީ ކުލަތަކުން މި ރަށް މި އޮތީ ޒީނަތްތެރިކޮށްފަ އެވެ.
ތުޅާދޫއަށް އިދިކޮޅުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަޑައިގަންނަވާތީ ރަށުގައި އިދިކޮޅަށް ތާއިދުކުރާ ރައްޔިތުން ސަފު ހަދައި މާފަތިތައް ހިފައިގެން ތިއްބެވެ. ބޯމަތީ ވިހުރެނީ ރީނދުލާއި ފެހި، ރަތް އަދި ފިޔާތޮށި ކުލަ އެވެ. ރަނގަޅަށް ބަލާލިއިރު ފިޔާތޮށީގެ ދެ ވައްތަރެއްގެ ދިދަ ތުޅާދޫގައި އެބަ ވިހުރުވެ އެވެ. އެއް ދިދާގައި "ރައީސް ޔާމީން 2018" ޖަހާފައި ހުރެ އެވެ. އަނެއް ދިދަ ހުންނަނީ ހުސްކޮށެވެ. ހުސްކޮށް ހުންނަ ފިޔާތޮށި ދިދައަކީ ރައީސް މައުމޫނަށް ތާއިދު ދައްކައިދޭ އިދިކޮޅުގެ ދިދަތަކާ ގުޅިފައިވާ ދިދަ އެވެ.
ރަށުގެ ކަނޑު ތޮށީގައި ވެސް ވާދައަށް އެމްޑީޕީ ދިދަ އާއި "ރައީސް ޔާމީން 2018" ދިދަ ޖަހާފައިވެ އެވެ. ބަނދަރު މަތީ ވެސް އެފަދަ އެވެ. ކޮންމެ އެމްޑީޕީގެ ދިދައަކަށް ޕީޕީއެމްގެ ދިދައެކެވެ. އިދިކޮޅުގެ ވަފުދަށް މަރުހަބާ ކިޔަން އެއްބައި ރައްޔިތުން ރީނދޫވެގެން ތިބިއިރު އަނެއް ކޮޅުގައި "ރައީސް ޔާމީން 2018" ޓީޝާޓް ލައިގެން މީހުން އުޅެ އެވެ. ވާދައަށް ދެއްކުމަށެވެ.
އިބޫ ފައިބާވަޑައިގަންނަވަން ހަމަޖެހިފައިވާ ބަނދަރުގެ މަގުމަތީގައި "ރައީސް ޔާމީން 2018"ގެ ތައްގަނޑުތައް ޖަހާފައި ހުއްޓެވެ. ރަނގަޅަށް ނުވެސް ހިކެ އެވެ. އެ ޖަހާފައިވަނީ އިބޫ ވަޑައިގަންނަވަން ކުޑަތަންވުމުންނެވެ.
ޕީޕީއެމްގެ ސަޕޯޓަރުން ޓީޝާޓް ލައިގެން ވަކި ސަރަހައްދެއްގައި ތިބިއިރު ދިގު ސަފެއް އިބޫއާ ސަލާމްކުރަން އޮތެވެ. އެ ދިގު ސަފާ އިބޫ ސަލާމް ކުރައްވަމުން ގެންދެވިއިރު އަޑުއަރުކޮށް އިބޫއޭ ގޮވަމުންދިޔަ އެވެ. އެއަށްފަހު އިބޫ ވަޑައިގެން އިށީދެވަޑައިގެންނެވީ ބަނދަރުމަތީ ހުރި ޖޯއްޔެއްގައި ކުރުނބާ ހިއްޕަވާށެވެ. އެ ޖޯލީގެ ފަހަތުގައި ހުރި ގަސްތަކުގައި ފިޔާތޮށި ފޮތި އޮޅާ، ރައީސް ޔާމީން 2018 ޖަހާފައި ހުއްޓެވެ.
މިއީ އަދި ރިޔާސީ އިންތިހާބަށް ރަސްމީކޮށް ކެމްޕެއިން ނުފެށެނީސް ތުޅާދޫގައި އޮތް ފޯރި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ފޯރިގަދަވާނެވަރު އިހުސާސްކޮށްލާށެވެ.