ދުނިޔެ

އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމަށް ކަނޑައެޅުމުން، އަރަބި މެމްބަރަކު އިސްތިއުފާ ދެއްވައިފި

Jul 29, 2018

އިޒްރޭލު (ޖުލައި 28) - އިޒްރޭލަކީ ސީދާ ޔަހޫދީ ދައުލަތެއް ކަމަށާއި ގުދުސްއަކީ ވެރިރަށް ކަމަށް ކަނޑައަޅާ ބިލެއް އެ ގައުމުގެ ގާނޫނޫ ހަދާ މަޖިލީހުން ފާސް ކުރުމާއި ގުޅިގެން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަރަބި މެމްބަރެއް އިސްތިއުފާދީފި އެވެ.

ޒުހައިރު ބަހްލޫލު، 67 އިސްތިއުފާދިނީ އެ ގާނޫނަކީ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދީ ގައުމު ފަސާދަ ކުރާ ބިލެއްކަމަށް ބުނެ އެވެ.

ޖުލައި 19 ވަނަ ދުވަހު ފާސްކުރި ބިލުގައިވާ ގޮތުން، އަރަބި ބަހަކީ ރަސްމީ ބަސް ނޫން ކަމަށް ކަނޑައަޅާ، ޔަހޫދީން ގައުމަށް ވަޒަންވެރި ވަމުން ދިއުމަކީ ގައުމީ މަސައްކަތްތަކެއް ކަމެއް ކަމަށެވެ. އަދި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ވެސް ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.

އިޒްރޭލުގެ އަރިބި މަޖިލިސް މެމްބަރުން އެ ގާނޫނަށް ދެކޮޅު ހެދި ނަމަވެސް، ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ގާނޫނަކީ ލިބުނު "ބޮޑު ކުރިއެރުމެއް" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

މަޖިލީހުން އިސްތިއުފާ ނުދީފިނަމަ ކާފަ ދަރިފުޅަށް ދައްކާނީ ކޮން މޫނެއްތޯ ބުނެ އިދިކޮޅު ޒަޔަނިސްޓް ޔޫނިއަން ޕާޓީގެ މެމްބަރު ޒުހައިރު ވަނީ މަޖީލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އިޒްރޭލުގައި އާބާދީގެ 20 ޕަސަންޓަކީ އަރަބިންނެވެ. އަދި މި ފަދަ ގާނޫނެއްގެ ސަބަބުން، އަރަބިންގެ ހައްގުތަކަށް އިތުރު ހީނަރު ކަމެއް އަންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެމީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

އިޒްރޭލުން އަދިވެސް ދަނީ ފަލަސްތީނު މީހުންނާއި ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.