ދުނިޔެ

އިންޑޮނީޝިއާ ބިންހެލުން: ފަރުބަދައެއްމަތީ ޓޫރިސްޓުންތަކެއް ތާށިވެފައި

Jul 30, 2018

ބާލީ (ޖުލައި 29) - ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިންޑޮނީޝިއާގެ ސަރަހައްދަކަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި ފަރުބަދައެއްގެ މަތީގައި 200 އަށް ވުރެ ގިނަ މީހުން ތާށިވެފައިތިބި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބާލީގެ އިރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއް ކަމުގައިވާ ލޮމްބޯކް އަށް 6.4 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން އެކަތެއް އިމާރާތްތަކެއް ވެއްޓި، މިހާތަނަށް 14 މީހުން މަރުވެފައިވާއިރު، 160 މީހުން ޒަހަމްވެފައިވާކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުގައި އޮންނަ ރިންޖާނީ ފަރުބަދައަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނަކަށްވާއިރު، އިއްޔެ ބިންހެލުން އައި ވަގުތު ފަރުބަދައަށް އަރާ ތިބި 200 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އެ މީހުންގެ ތެރޭގައި ފްރާންސް، ތައިލަންޑު، ނެދާލަންޑްސް، އަދި މެލޭޝިޔާގެ ގިނަ ޓޫރިސްޓުން ހިމެނޭކަމަށްވެ އެވެ. ބިންހެލުން އައުމާ ގުޅިގެން، 500 އަށް ވުރެ ގިނަ މީހުން ފަރުބަދައިން ފައިބާފައިވާއިރު، ފައިބަން އޮންނަ މަގު ބެދި، އަދިވެސް 266 މީހުން އެތަނުން ނުފޭބިފައި ތިބިކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ އަދަދު އަދިވެސް ޔަގީން ކުރުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ.