ދުނިޔެ

އިޒްރޭލު ސިފައިންގެ މީހެއްގެ މޫނުގައި ޖެހި އަންހެން ކުއްޖާ ޖަލުން މިނިވަންވެއްޖެ

Jul 30, 2018

އިޒްރޭލު (ޖުލައި 29) - އިޒްރޭލު ސިފައިންގެ މީހެއްގެ މޫނުމަތީގައި ތަފާލެއް ޖަހަނިކޮށް ނަގާފައިވާ ވީޑިއޯ އަކުން މަޝްހޫރުވި ފަލަސްތީނުގެ ޒުވާން އަންހެން ކުއްޖާ ޖަލުން މިނިވަންކޮށްފި އެވެ.

މިދިޔަ އަހަރު އޭރު 16 އަހަރުގެ އާހަދު ތަމީމީ، އޭނާގެ ގޭގެ ކައިރިން އިޒްރޭލު ސިފައިންގެ މީހެއްގެ ގައިގައި ކޮޅުފައިން ޖަހައި، މޫނުމަތީގައި ތަފާލެއް ޖަހަނިކޮށް ނަގާފައިވާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

އެ ހާދިސާ އާއި ގުޅިގެން އަށް އަހަރު ޖަލުގައި ހުރުމަށްފަހު އޭނާ މިނިވަންވީ އިއްޔެ އެވެ. އޭނާ ގެއަށް އެނބުރި އައުމާއެކު އެތަކެއް ސަތޭކަ ބަޔަކު މަރުހަބާ ކިޔުމަށް އެއްވި އެވެ.

އިޒްރޭލުން ހިސޯރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ފަލަސްތީނު މިނިވަން ކުރުމަށް ކުރެވޭ މަސައްކަތުގެ މިސާލެއްގެ ގޮތުގައި އާހަދު ވަނީ ސިފަކޮށްފަ އެވެ.

އާހަދަށް މާރާމާރީގެ 12 ދައުވާއެއް ކުރެވުނު ނަމަވެސް، މިދިޔަ މާޗު މަހު އޭނާ ވަނީ އޭގެ ތެރެއިން ހަތަރު ދައުވާއަކަށް އިއުތިރާފުވެފަ އެވެ.

އިޒްރޭލު ސިފައިންގެ ދެ މީހަކު ގޭދޮށަށް އައުމުން، އެ މީހުންނާއި ދެކޮޅަށް އާހަދު ނުކުމެ އެމީހުންނާއި ކުރިމަތިލަނިކޮށް ވީޑިއޯ ނަގާފައިވަނީ އޭނާގެ މަންމަ ނަރިމާން އެވެ. އޭނާގެ މަންމަ އަށް ވެސް ވަނީ މާރާމާރީ އެއް ހިންގުމަށް ހިތްވަރު ދިނުމުގެ ދައުވާކޮށްފަ އެވެ.

އާހަދު ފަހުން ބުނިގޮތުގައި، އޭނާ ރުޅިގަދަވީ، އެ ދުވަހު އިޒްރޭލު ސިފައިން އޭނާގެ ދެބެންގެދެދަރި ކޮއްކޮއެއްގެ ބޮލަށް ރަބަރު ވަޒަން ޖެހުމުން ލިބުނު އަނިޔާތަކާއި ގުޅިގެންކަމަށެވެ.

އިޒްރޭލުން ބުނީ އެދުވަހު އާހަދުގެ ގޭދޮށަށް ސިފައިން ފޮނުވީ އެ ސަރަހައްދުގައި ޒުވާނުންތަކެއް ސިފައިންނާއި ދެކޮޅަށް ނުކުމެ ގާއުކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.