ވިޔަފާރި

ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 47.3 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އެސްޓީއޯ އަށް ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 47.3 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

އެސްޓީއޯ އިން އާއްމުކުރި ދެވަނަ ކުއާޓަރުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 47.3 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 46.6 މިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުނިން ކުރި މި ކުއާޓަރުގައިވެސް ކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ ވިޔަފާރި އެވެ. އަދި ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ވެސް މިދިޔަ ކުއާޓަރެކޭ އެއްގޮތަށް ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ބުނީ ހަރަދު ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 295 މިލިއަން ރުފިޔާ ކަމަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރަދު ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 269 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި ދައްކާފައިވަނީ ހަތް މިލިއަން ރުފިޔާ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ދެއްކީ 10 މިލިއަން ރުފިޔާ އެވެ.