overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީނަށް މާރިޔާގެ ރައްދު: ވައުދަކަށް ވާވަރުގެ ވައުދެއް ނުވެވޭ

ރިޔާސީ އިންތިހާބަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްއަށް ވައުދަކަށްވާ ވަރުގެ ވައުދެއް ވެފައިނުވާ ކަމަށާއި އެހެން ކަމުން އިދިކޮޅު ފަރާތްތަކާ ސުވާލުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ މައްޗަންގޯޅީ އުތުރު ދާރިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ރައީސް ޔާމީންއަށް ރައްދު ދެއްވައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރިޔާސީ އިންތިހާބުގެ ތަރުޖަމާނު ކަންވެސް ކުރައްވާ މާރިޔާ ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް އަބުދުﷲ ޔަމީނަށް އެރުވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ކެނޑިިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ކުރިމަތި ކުރެއްވި ސުވާލުތަކަށް ރައްދު ދެއްވައިފަ އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސެޕްޓެމްބަރުގެ 23 ގެ ވޯޓާ ހަމަޔަށް ދާއިރު، އިދިކޮޅުގައި ތިބި ހުރިހާ ފަރާތްތަކަށް، 2008 އަކުން ފެށިގެން ފުރުސަތު ލިބިވަޑައިގެންފައިވާ ކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށާއި އެބޭފުޅުންނަށް ރައްޔިތުންގެ ހާލަތު ބަދަލު ނުކޮށްދެވުނު ކަމަށެވެ.

މިއަދާ ހަމަޔަށް އައިއިރު ވެސް އެ ބޭފުޅުންގެ ފަލްސަފާއަށް ބަދަލެއް ނާންނަ ކަމަށާއި އޭގެ ހެއްކަކީ އިދިކޮޅުގެ މެނިފެސްޓޯގައި އަދިވެސް ހުރީ އޭރު ކުރަން ރޭވި، އެހެންނަސް ފެއިލްވި މަސައްކަތްތަކެއްގެ ވާހަކަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ރައީސް ނަޝީދުގެ ސަރުކާރުން ކުރައްވާފައި ހުރި ކަންކަން ތަކުރާރު ކުރައްވާނެތޯ ރައްޔިތުންނަށް އިބޫ ވިދާޅުވެދެއްވަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެވާހަކަތަކަށް ރައްދުދީ މާރިޔާ ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ކޮށްދެނީ ހިތްހޮޔޮ އަދި ރައްޔިތުންގެ ވެރިކަމެއްކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ފްލެޓް އެޅި ވަރުން ރައީސް ނަޝީދަށް އިދިކޮޅު ފަރާތްތަކުން "ފުލެޓް ދޮންބެ"ގެ ނަމުން މުހާތަބު ކުރަންފެށި ކަމަށާއި، އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސްދޭން ފެށީ ވެސް އެމްޑީޕީ ސަރުކާރުގައި ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އެޅި ފުލެޓްތަށް ދިނީ މި ސަރުކާރުން ބޭނުވާ ލިސްޓަކަށް ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޕީޕީއެމްގެ އިންތިހާބުވެފައިތިބި އެތަކެއް މެމްބަރުންނަކަށް، ރައީސް ޔާމީނާއި ދެބަސްވި ހިސާބުން، މަޖިލީހަށް ނުވަދެވޭގޮތަށް ރައީސް ޔާމީން ހައްދަވާފައިވާ ކަމަަށާއި، އެތަނަކީ ރައްޔިތުންގެ މަޖިލީހެކޭ ނުބުނެވޭ ވަރަށް މެމްބަރުންނަށް ނުވަދެވޭ ގޮތަށް ހައްދަވާފައިވާ ކަމަށް މަރިޔާ ވިދާޅުވިއެވެ.

ރައީސް ޔާމީން ދައުލަތުގެ ހަޒާނާއަށް ގެއްލުންވާ ގޮތަށް ދައުލަތުގެ ހަރުމުދާ ހާއްސަކޮށް، އެއާޕޯޓް އެމްޑީޕީ ސަރުކާރުން ވިއްކި ކަަމަށް ވިދާޅުވި ވާހަކައާއި ގުޅިގެން މާރިޔާ ވިދާޅުވީ، އެއާޕޯޓެއް ވިއްކާލިކަމަށް ބުނާ ވާހަކައަކީ އިތުރުފުޅެއް ކަމަށެވެ. ހުޅުލޭ އެއާޕޯޓް ވިއްކާލީ ނޫން ކަމަށާއި، ދިގު މުއްދަތަކަށް ކުއްޔަށްދިނީކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ކުރީ ދިވެހިންގެ ޖީބުން އެއާޕޯޓް ތަރައްގީ ކުރަން ހަރަދު ކުރަން ނުޖެހޭގޮތަށް ހެދުމަށްކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެ ކޮންޓެރެކްޓް އުވާލުމުން ދިވެހިންނަށް 300 މިލިއަން ޑޮލަރުގެ ގެއްލުންވިކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންވެސްޓާ ކޮންފިޑެންސްވެސް ގެއްލިގެން ދިޔަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ނިމުމަކަށް ގެނައުމަށްފަހު، ކޮރަޕްޝަނެއް ހުރި ނަމަ އެ މައްސަލައެއް ބަލަން މަސައްކަތް ކުރާނެ ކަމަށާއި، އެހެން ނަމަވެސް އޭގެ މައްސަލައެއް ބެލިފައިނެތީ، އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަންއެއް ނެތީމަ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަން ހުރި ކަމަށް އެމަނިކުފާނު އިއުތިރާފްވެވަޑައިގަންނަވާކަމަށާއި، އެ ކަންކަމަށް ދިވެހިން ޖަވާބު ބޭނުންވާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.