ހަބަރު

ރައީސް ޔާމީންގެ ސުވާލުތަކަށް އިބޫގެ ރައްދު: ޖަވާބު ދޭނީ އިންތިހާބުގެ ނަތީޖާއިން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރޭ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ އަމާޒު ކުރެއްވި ސުވާލުތަކަށް ރައްދު ދެއްވައިފި އެވެ. އިބޫ ވިދާޅުވީ، އެ ސުވާލުތަކަށް ޖަވާބުދޭނީ އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ކަމަށެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުން ކުރައްވާފައި ހުރި ކަންކަން ތަކުރާރު ކުރައްވާނެތޯ ރައްޔިތުންނަށް އިބޫ ވިދާޅުވެދެއްވަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ހަރުމުދާ ވިއްކާނަންތޯ އާއި އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލަން ޖެހުނީ ކީއްވެގެން ކަމާއި އޭގެން ރާއްޖޭގެ ހަޒާނާއަށް އެހާ ކުޑަ ފައިސާއެއް ވަނީ ކީއްވެގެން ކަން ސާފުކޮށްދެއްވަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އިސްލާމީ އުސޫލުތައް ހިންގާނެ ކަމާއި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެތޯ ވެސް ރައްޔިތުން ސުވާލު އުފައްދާ ކަމަށާއި ކުރިން ހިނގި ކޮރޮޕްޝަންތަކާއި އިދިކޮޅުން އަދުލު އިންސާފަށް ނުފޫޒު ފޯރުވައިގެން އެކެއް ފެބްރުއަރީގެ އަމުރު ނެރުއްވީ ކީއްވެގެންތޯ ވެސް އިބޫ ސާފުކޮށްދޭން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކެމްޕެއިންގައި ބ. އަތޮޅަށް ކުރެއްވި ތިން ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން އިބޫ ވިދާޅުވީ، މި ސަރުކާރުގެ އަމަލުތައް ހުރި ގޮތާއި އެމްޑީޕީގެ ސަރުކާރުގައި އަމަލުތައް ހުރި ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެންވެ ރައްޔިތުން ޖަވާބު ދޭނީ ވޯޓުން ކަމަށެވެ.

"ރައީސް ޔާމީން އެ ކުރެއްވި ސުވާލުތަކުގެ ޖަވާބު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލިބޭނެ، މަޑުކޮށްލައްވާ ހުންނެވުން އޭގަ ރަނގަޅު ވާނީ، އޭރުން ރައްޔިތުން އެދޭ ޖަވާބު އެމަނިކުފާނު ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވުމަކީ އަޅުގަނޑު އެމަނިކުފާނު އަރިހުން ވަރަށް ބޮޑަށް އެދޭ ކަމެއް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މި ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް އެ އޮންނަ އުސޫލެއްގެ ތެރެއިން އިދިކޮޅުގެ ސަރުކާރެއްގައި ބައްލަވާނެ ކަމަށެވެ. އަދި އެކަންކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެ ކަމަށާއި އޭގައި ވަކި މީހަކު އިސްތިސްނާ ނުވާނެ ކަމަށެވެ.

ބ. އަތޮޅަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ، ދަތުރަކީ ވަރަށް ކާމިޔާބު، އުއްމީދީ ދަތުރެއް ކަމަށެވެ. ރައްޔިތުންގެ ފަރާތުން ފެނުނީ އުފާވެރިކަން ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެފައިވުމަކީ ރައްޔިތުން ހިތްހަމަޖެހޭ ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލުކޮށް އެ ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެކަންކަމަށް އިދިކޮޅުގެ ސަރުކާރެއްގައި ގެނެވޭނެ ހައްލުތަކާ ގުޅޭ މަޝްވަރާ ކުރައްވާފައިވާނެކަން އިބޫ ފާހަގަކުރެއްވި އެވެ. އިބޫ ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ކަމަށާއި ރައްޔިތުން އެދޭ އުފާވެރި ސަރުކާރެއް ގާއިމުކޮށްދެވޭނެ ކަމަށެވެ.

އިބޫ ވަނީ ތިން ދުވަހުގެ ތެރޭގައި ބ. އަތޮޅުގެ ނުވަ ރަށަށް ވަޑައިގެންފަ އެވެ. އެގޮތުން ފުރަތަމަ ދުވަހު ވަޑައިގެންނެވީ ގޮއިދޫ އަދި ތުޅާދޫއަށެވެ. ދެވަނަ ދުވަހު، ހިތާދޫ، މާޅޮސް، އޭދަފުށި، ކެންދޫ އަދި ދަރަވަންދޫއަށް ވަޑައިގެންނެވި އެވެ. މިއަދު ވަޑައިގެންނެވީ ކުޑަރިކިލު އަދި ކަމަދޫއަށެވެ.

ކޮންމެ ރަށެއްގައި ވެސް އެ ރަށުގެ ރައްޔިތުންނާ އިބޫ މުހާތަބު ކުރެއްވި އެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުން ހާލު އޮޅުންފިލުއްވި އެވެ. ވަރަށް އަވަހަށް އިތުރު އެހެން އަތޮޅަކަށް އިބޫ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.