ދުނިޔެ

މާސް ޖެހިގެން ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ބަޔަކު މަރުވެއްޖެ

Jun 2, 2015

ނޭވާލާ ނިޒާމަށް ޖެހޭ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ޖެހިގެން ދެކުނު ކޮރެއާގައި ދެ މީހަކު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި އެ ގައުމުން ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުން މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މާސް ޖެހިގެން ފުރަތަމަ މަރުވީ 58 އަހަރުގެ އަންހެނެކެވެ. އެއީ، ދެ ވަނަ އަށް މަރުވި 71 އަހަރުގެ ފިރިހެން މީހާއާ ބައްދަލުވެފައި ހުރި އަންހެނެކެވެ. މި ބަލި ޖެހިގެން ފުރަތަމަ ފަރުވާ ހޯދަން ފެށީ މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި އެ ފިރިހެން މީހާ އެވެ.

މާސް ޖެހިފައި ތިބި 17 މީހަކު ދެކުނު ކޮރެއާ އިން މިދިޔަ މަހު ފެނިފައިވެ އެވެ. އެކަމަކު، މި ބަލީގައި އެ ގައުމުން މީހަކު މަރުވި މިއީ ފުރަތަމަ ފަހަރެވެ.

ދެކުނު އިތުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިހާތަނަށް މި ބަލި ޖެހިގެން މަރުވެފައި ވަނީ އެންމެ މީހެކެވެ. އެއީ މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ މެލޭޝިއާ މީހެކެވެ. ދެކުނު ކޮރެއާގައި މަރުވި މި ދެ މީހުންނާ އެކު، ދެކުނު އިތުމަތީ އޭޝިއާ އިން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ތިނަކަށް ވަނީ އަރާފަ އެވެ.

މާސް ޖެހިގެން ދެކުނު ކޮރެއާ އިން ދެ މީހަކު މަރުވެފައި މި ވަނީ، މި ބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ޗައިނާ އިން ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ އެވެ. މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި ދެކުނު ކޮރެއާގެ އެ މީހާ ދެކުނު ކޮރެއާ އިން ޗައިނާގެ ހޮންގް ކޮންގަށް ދިޔައީ އޭސިއާނާ އެއާލައިންގެ ފްލައިޓެއްގަ އެވެ. އެ އަށް ފަހު، ބަހަކަށް އަރައިގެން ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޑަންގް ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ހުޒޫ އަށް އޭނާ ދިޔަ ކަމަށް ވެ އެވެ. އެ އަވަށުގެ ހޮޓަލެއްގައި ހުރި އެ މީހާ އަށް މާސް ޖެހިފައިވާކަން އެނގުނީ ބަލިވެގެން ހޮސްޕިޓަލަށް ދިއުމުންނެވެ.

ގުއަންޑަންގް ޕްރޮވިންސްގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ އެ ވައިރަސް އެކި ހިސާބުތަކަށް ފެތުރި ދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އޭނާއާ ބައްދަލުވި 193 މީހަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

މާސް ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2013 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިންނެވެ. އަދި އެންމެ ގިނަ ބަޔަކަށް މިހާތަނަށް އެ ބަލި ޖެހި މަރުވެފައި ވަނީ ވެސް އެ ގައުމުންނެވެ.

ދިރާސާތަކުން ލަފާކުރެވެނީ މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ޖަމަލަށް ޖެހެމުން އައި ބައްޔެއް ކަމަށާއި ވައިރަސް މިއުޓޭޓްވެ އިންސާނުންގެ ހަށިގަނޑަށް ވެސް ވާސިލުވީ ކަމަށެވެ.

މާސް އަކީ 2003 ވަނަ އަހަރު އޭޝިއާގައި ފެތުރުނު ސާސް ރޯގާ އަށް ވުރެ ވެސް ނުރައްކާ ބައްޔެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް، މާސް އަކީ ސާސް ރޯގާހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް ބެލެވެ އެވެ. ސާސް ރޯގާ 8،273 މީހަކަށް ޖެހުނުއިރު، އޭގެ ތެރެއިން ނުވަ ޕަސެންޓް މީހުން މަރުވި އެވެ. ސާސް ރޯގާ ފަދައިން، މާސް ވައިރަސް ޖެހުމުން ވެސް މޭގައި އިންފެކްޝަން އުފެދެ އެވެ. އަދި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ އެވެ. ނަމަވެސް ސާސް އާ ހިލާފަށް، މާސް ވައިރަސްގެ ސަބަބުން ވަރަށް ފަސޭހައިން ކިޑްނީ ފެއިލްވެ އެވެ.