ދުނިޔެ

އިންޑޮނީޝިއާގެ ފަރުބަދަމަތީ ތާށިވެފައިތިބި 500 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފި

Jul 31, 2018

ބާލީ (ޖުލައި 30) - ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިންޑޮނީޝިއާގެ ސަރަހައްދަކަށް އާދީއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމެއްގައި ފަރުބަދައެއްގެ މަތީގައި ތާށިވެފައިތިބި 500 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފި އެވެ.

ބާލީގެ އިރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއް ކަމުގައިވާ ލޮމްބޯކް އަށް 6.4 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން އެކަތެއް އިމާރާތްތަކެއް ވެއްޓި، މިހާތަނަށް 16 މީހުން މަރުވެފައިވާއިރު، 330 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުގައި އޮންނަ ރިންޖާނީ ފަރުބަދައަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނަކަށްވާއިރު، ބިންހެލުން އައި ވަގުތު ފަރުބަދައަށް އަރާ ތިބި 543 މީހުން ހެލިކޮޕްޓަރު ބޭނުންކޮށްގެން މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ އަދަދު އަދިވެސް ޔަގީން ކުރުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ.