ދުނިޔެ

ބަންގާޅުގައި ވެއްޓުނު އިމާރާތުގެ ވެރިޔާ އަށް މަރުގެ ދައުވާ އުފުލައިިފި

Jun 2, 2015

ބަންގާޅުގެ އަންނައުނު އުފައްދާ ފެކްޓަރީތަކެއް ހިންގަމުން ދަނިކޮށް ވެއްޓުނު އިމާރާތުގެ ވެރިޔާއާ ދެކޮޅަށް ގަސްދުގައި މީހުން މެރުމުގެ ދައުވާ އުފުލައިފި އެވެ.

ސަވާރް ޑިސްޓްރިކްޓްގައި ހުރި ރާނާ ޕްލާޒާގެ ނަމުން ނަން ދީފައިވާ އިމާރާތް ވެއްޓުނީ 2013 ގަ އެވެ. ހާހަކަށް ވުރެ ގިނަ މީހުން މަރުވި މި ހާދިސާ ހިނގިތާ މާ ގިނަ ދުވަސްތަކެއް ނުވެ ބަންގާޅު ފުލުހުން ވަނީ އެ އިމާރާތުގެ ވެރިޔާ، ސޮހެލް ރާނާ ހައްޔަރުކޮށްފަ އެވެ. އޭނާ އަތުލައިގަތީ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާ އަށް އެތެރެވުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

ފަސް ފެކްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގެ މަތީ ހަތަރު ފްލޯ އަޅާފައި ވަނީ ރަސްމީ ފަރާތްތަކުގެ ހުއްދައެއް ނެތި، ގަވާއިދާ ހިލާފަށެވެ. އިމާރާތް ވެއްޓިފައި ވަނީ މަސައްކަތަށް އެކަށީގެން ނުވާ ކަމަށް ބުނެ އިމާރާތުގައި މަސައްކަތް ހުއްޓާލުމަށް ފުލުހުން ނެރުނު އަމުރަކަށް ކިޔަމަން ނުވެ، ފެކްޓްރީތަކުގެ ވެރިން އެ މީހުންގެ މުވައްޒަފުން ވަޒީފާ އަށް ނެރެފައި ވަނިކޮށެވެ.

މި މައްސަލަ ތަހުގީގުކުރި ބަންގާޅު ފުލުހުންގެ އިސް އޮފިޝަލް ބިޖޯއީ ކްރިޝްނާ ކަރު އިއްޔެ ވިދާޅުވި ގޮތުގައި ސޮހެލް އާއި ގިނަ އަދަދެއްގެ ސަރުކާރު އޮފިޝަލުން ހިމެނޭ ގޮތަށް، ޖުމްލަ 42 މީހެއްގެ މައްޗަަށް މީހުން މެރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އިމާރާތް ވެއްޓުމުގެ ކުރީ ދުވަހު ދިން އިންޒާރަށް ބެލުމެއް ނެތި މަސައްކަތު މީހުން އިމާރާތަށް ވައްދާފައިވާތީ އެވެ.