ހަބަރު

ކެމްޕޭން މަޝްވަރާއަށް އިބޫ ސިންގަޕޫރަށް

Jul 31, 2018
6

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ސިންގަޕޫރަށް ވަޑައިގެންފި އެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އިބޫ ސިންގަޕޫރަށް ފުރާ ވަޑައިގެންފައިވާ ކަމަށާއި މި ދަތުރުފުޅަކީ އިދިކޮޅު ކެމްޕޭންގައި އިސްކޮށް ހަރަކާތެރިވާ މެލޭޝިޔާ އަދި ސިންގަޕޫރްގެ ޓީމްތަކާއި ބައްދަލު ކުރައްވާ ކެމްޕޭންގެ ކަންތައްތައް ރާވައި ކުރިއަށްދާ ގޮތް ބައްލަވާލުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ކެމްޕެއިން ފެށިތާ ކައިރީގައި ވެސް އިބޫ ވަނީ ރާއްޖެއިން ބޭރަށް ދަތުރެއް ކުރައްވާފަ އެވެ. އެފަހަރުގެ ދަތުރަކީި އިބޫގެ ދަރިކަލެއްގެ ގްރެޗުއޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި އަމިއްލަ ދަތުރުފުޅެކެވެ.

އިބޫ މިއަދު ސިންގަޕޫރަށް ފުރާ ވަޑައިގެންފައިވާއިރު، ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށްފަހު އިބޫ މާލެ ވަޑައިގެންފައިވަނީ އިއްޔެ އެވެ. ބ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވާފައި ވެއެވެ.