ހަބަރު

ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކޮށްދޭން އެދެފި

ހދ. ކުޅުދުއްފުށީގެ ކުޅީގެ ނުހިއްކާ އޮތް ބައި ހިމާޔަތްކޮށްދޭން ތިމާވެއްޓަށް މަސައްކަތް ކުރާ އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ "ބިލީފް"އިން ކައުންސިލްގައި އެދެފި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށުގައި ބޮޑު ކުޅީގެ 30 ޕަސެންޓް ވަނީ ހިއްކާފަ އެވެ. ބާކީ 70 ޕަސެންޓް އޮތްއިރު އެ ބައި ހިމާޔަތްކުރުމަށް މިހާތަނަށް އެއާޕޯޓް މަސައްކަތް ކުރާ، އެމްޓީސީސީއިން އަދި ރަށުގެ ކައުންސިލުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ބިލީފްއިން އިއްޔެ ކުޅުދުއްފުށީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުޅީގެ ބާކީ އޮތް ބަޔަށް ދަނީ ނޭދެވޭ އެތައް އަސަރުތަކެއް ކުރަމުން ކަމަށެވެ. ކުޅީގެ ހިއްކާފައި އޮތް ބައި ނުހިއްކާ އޮތް ބައި ވަކިކޮށްފައި ނެތުމުން ނުހިއްކާ އޮތް ބަޔަށް ކިސަޑާއި ކެނޑި ގަސްތަކުގެ ކުނި ފައިބާ ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ ކަމަށެވެ.

ކުޅީގެ ބައެއް ހިއްކާފައި އޮތުމުން ކުޅީގެ ގުދުރަތީ އުފެދުމަށް ގެއްލުންތައްވެފައިވާއިރު އެ ކުޅިއަކީ އެ ރަށަށް ބޮޑު ހިމާޔާތެއް ދެމުން އައި ތަނެއްކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ރަށުގައި ބޮޑުވާ ފެންގަނޑު އެ ކުޅިއަށް ހިނދޭއިރު މިހާރު ރަށުގައި ފެން ބޮޑުވެއްޖެނަމަ ފެން ހިންދާނެ ނިޒާމެއް ނެތްކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެ ކުޅިއަކީ ރާއްޖޭގައި ނެތުމުންދާ ގިނަ ކަނޑޫފާ ގަސްތަކާއި އެކި ކަހަލަ ދިރުންތައް ހުރި ތަނެކެވެ. އެހެންކަމުން ކުޅީގައި މިހާރު ބާކީ އޮތް ބައި ހިމާޔަތްކޮށް ރާއްޖޭގައި އޮތް އެންމެ ބޮޑު މަށި ކުޅިއަށް ގެއްލުން ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ބިލީފްއިން އެދިފައިވެ އެވެ.

ބިލީފްއިން ވަނީ އެ ސަރަހައްދުގެ ލޭންޑް ޔޫޒް ޕްލޭނެއް އެކުލަވާލައި އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ. އަދި އެ ޕްލޭން އެކުލަވާލުމުގައި ރަށުގެ ޖަމިއްޔާތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވެސް އެދިފައިވެ އެވެ. އެކަމުގައި އެ ޖަމިއްޔާއިން އެހީވާން ތައްޔާރަށް ތިބި ކަމަށް ވެސް ބުނެފައިވެ އެވެ.

ތިމާވެއްޓަށް ލޯބިކުރާ ކުޅުދުއްފުށީގެ ޒުވާނުންތަކެއް ހިންގާ އެ ޖަމިއްޔާއިން ވަނީ އެހެން ރަށްރަށުގައި ކުޅި ފަދަ ތަންތަން ހިމާޔަތްކުރުމަށް ކޮށްފައިވާ މަސައްކަތްތައް ވެސް ކުޅުދުއްފުށީ ކައުންސިލަށް އެ ސިޓީގައި ބުނެދީފަ އެވެ. އަދި ކުޅި ފަދަ ތަންތަނުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުނަށް ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް އެ ޖަމިއްޔާއިން ކައުންސިލްގައި އެދިފައިވެ އެވެ.

ބިލީފްއިން ބުނީ، އެފަދަ ތަންތަނުން ލިބޭ މައުނަވީ ފައިދާތައް ރައްޔިތުންނަށް ނޭނގުމުގެ ސަބަބުން އެތަންތަނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ނުދެވޭ ކަމަށެވެ. އެކަމުގެ މައުލޫމާތު ދެވިއްޖެނަމަ ބެލެހެއްޓުމުގައި އެންމެންގެ ބައިވެރިވުން އިތުރުވާނެ ކަމަށެވެ.