overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އިބޫ ބ އަތޮޅުން، ރައްޔިތުން ބުނީ ކީކޭ؟

ރީތިކޮށް އެތުރިފައިވާ ރަށްތަކެއް ހުންނަ ބ. އަތޮޅަށް އައީ އިދިކޮޅުގެ އީދެކެވެ. ރީނދޫ، ރަތް، ފެހި އަދި ފިޔާތޮށި ކުލައިން ރަށްތައް ޖަރީކޮށްލި އެވެ. ހަތަރު ޕާޓީއެއް ހިމެނޭ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެ އަތޮޅަށް ވަޑައިގަންނަވާތީ އެވެ.

އިލެކްޝަން ކޮމިޝަނުން އެންމެ ފުރަތަމަ ބަލައިގަތް ރިޔާސީ ކެންޑިޑޭޓް އިބޫ، ރަސްމީކޮށް ކެންޑިޑޭޓަކަށް ވެވަޑައިގެންނެވި ދުވަސް ކަމުގައިވާ މިދިޔަ ހޮނިހިރު އެންމެ ފުރަތަމަ ވަޑައިގެންނެވީ ބ. ގޮއިދޫއަށެވެ. އެ ރަށުގެ އިދިކޮޅަށް ތާއިދުކުރާ ރައްޔިތުން އިބޫއަށް މަރުހަބާކީ މާފަތިތަކާއި ދިދަތައް ހިފައިގެންނެވެ. ކެންޑިޑޭޓްގެ ގޮތުގައި ފުރަތަމަ ދަތުރު އެ ރަށަށް ކުރުމުން އެ ރައްޔިތުންނަށްވީ ފަހުރަކަށެވެ.

އެ ދުވަހުގެ މެންދުރުގެ ކެއުން އޮތީ ގޮއިދޫގަ އެވެ. ދިވެހި ކެއުން އެ ރަށު އަންހެންވެރިން ތައްޔާރުކޮށްފައިހުރީ ވަރަށް މީރުކޮށެވެ. ގޮއިދޫގެ ދަތުރު ނިންމާލައި ހަވީރުވުމުން އިބޫ ދެން ވަޑައިގެންނެވީ ތުޅާދޫއަށެވެ. އެ ރަށަކީ ސިޔާސީ ފޯރިގަދަ ރަށެއްކަން ފާހަގަވި އެވެ. އިދިކޮޅުގެ ދިދައާ އެއްވަރަށް ޕީޕީއެމްގެ ދިދަތައް ވެސް އެ ރަށުގައި ދަމާފައި ހުއްޓެވެ. އެ ރޭ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވި އެވެ.

އަނެއް ދުވަހެވެ. އެންމެ ބުރަ ދުވަހެވެ. އެއް ދުވަހާ ފަސް ރަށަށް އިބޫ ދަތުރު ކުރެއްވި އެވެ. ފުރަތަމަ ވަޑައިގެންނެވީ ހިތާދޫއަށެވެ. ދެން މާޅޮހާއި އޭދަފުއްޓާއި ކެންދޫ އަދި ދަރަވަންދޫއަށް ވަޑައިގެންނެވި އެވެ. އެ ފަސް ރަށުން ވެސް އިދިކޮޅަށް ތާއީދުކުރާ ރައްޔިތުން އިބޫއާ ސަލާމްކޮށް ފޮޓޯ ނެގުމަށް ފޯރި ހިއްޕާލި އެވެ.

އޭގެ ތެރެއިން ވެސް ހިތާދޫ އާއި މާޅޮހުގައި އޮތް ފޯރި ބޮޑެވެ. މާޅުހުގެ ރައްޔިތުން ރަށުގެ ހިތްގައިމު ގޮނޑުދޮށުގައި މެންދުރުގެ ކެއުން ވަރަަށް ފުރިހަމައަށް ތައްޔާރުކޮށްލާފައި އޮތެވެ. ސާފު ފިނި ވައިރޯޅި ޖެހެމުން ދިޔައިރު ދިވެހި ކެއުން ކާން ލިބުން ވެގެން ދިޔައީ ދަތުރުގެ ވަރުބަލިކަން ވެސް ފުހެލި ކަމަކަށެވެ. ކުދި ބޮޑު ދެ ޖިންސްގެ މީހުން އެކަމުގައި ޝާމިލްވެ އުޅުނީ އިބޫއާމެދު އުއްމީދުތަކެއް އާކޮށްގެންނެވެ.

ހިތާދޫ އެމްޑީޕީ ޖަގަހަ ކައިރީ ބަހައްޓާފައިހުރި ޖޯލީގައި ގާތް ރަހުމަތްތެރިޔާއާއެކު އިށީނދެ އިން ޖަމީލާ އިބްރާހިމްގެ އުއްމީދު ވެސް ހަމަ އެހާ ފޮންޏެވެ. އޭނާ ހުރީ އިދިކޮޅުގެ ސަރުކާރެއް ގާއިމުވާނެ ކަމުގެ އުއްމީދުގަ އެވެ. ޖަމީލާ ބުނީ ހިތާދޫގައި އަބަދުވެސް ތާއިދު ބޮޑީ އެމްޑީޕީގަ ކަމަށާއި އެހެން ޕާޓީތަކަށް އެ ރަށުގައި ހަރަކާތެއް ވެސް ހިނގާލަން ނުކުރޭ ކަމަށެވެ.

"ހިތާދޫއިން ސަޕޯޓު ލިބޭނެ އިބޫއަށް، އިބޫ ހަމަ ރަނގަޅު، އެންމެ ބޮޑަށް ބޭނުން ވަނީ ރައީސް ނަޝީދު މިނިވަންވުން، އެކަން ވާނެ އިރާދަކުރެއްވިއްޔާ އިބޫއަށް އިންތިހާބު ކާމިޔާބުވެގެން،" ޖަމީލާ ބުންޏެވެ.

މާޅޮހުގެ ނަސީމާ މުހައްމަދުގެ ވެސް ހުރީ ޖަމީލާއާ އެއް ކަހަލަ ވިސްނުމެކެވެ. އިބޫ މާޅޮހަށް ވަޑައިގެންނެވުމުން އެންމެ އުފަލުގައި ހުރެ އޭނާއާއެކު ފޮޓޯތައް ނެގި ނަސީމާ ބުނީ، އޭނާއަށް އިބޫ ހަމަ ބަރާބަރު ކަމަށެވެ. ކެތްތެރިކަމާއި ތެދުވެރިކަން މަތީ ހުންނާނެ ކަމަށް އިބޫ ވިދާޅުވާ ކަމަށާއި އެގޮތަށް ހުންނަވައިފިނަމަ އިބޫ ވަރެއް ނެތް ކަމަށެވެ.

"ދައްތަމެން ބޭނުން ވަނީ ރައީސް ނަޝީދު ސަލާމަތް ކުރަން، އެކަމަށް އޮތް މަގަކީ އިބޫ، ދައްތަމެންގެ ހަޔާތުގަ ވެސް އެވަރުގެ ވެރިކަމެއް ކޮށް ދެއްވި ވެރިއެއް ރައީސް ނަޝީދު ނޫނީ އަދި ނާދޭ،" ނަސީމާ ބުންޏެވެ.

ނަސީމާ ބުނީ، އެ ރަށުން އިބޫއަށް ބޮޑު ތާއިދެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ވަރަށް ގިނަ ބަޔަކު އިދިކޮޅު ހުރިހާ ޕާޓީތަކަކަށް ތާއިދުކުރާ ކަމަށެވެ.

އޭދަފުށީގައި މަޝްހޫރު ވަޒަންބެ ބޭނުން ވަނީ އެންމެ ކަމެކެވެ. އިންސާފު ގާއިމުވުމެވެ. އެއީ އިބޫ ނޫން އެހެން ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އޭނާއަށް އެންމެ ރަނގަޅެވެ. ވަޒަންބެ ބުނި ގޮތުގައި މިހާރު ރާއްޖޭގައި ހުރިހާ މައްސަލައެއް ވެސް ދިމާވަމުން އަންނަނީ އިންސާފު ގާއިމު ނުވާތީ އެވެ. އެކަން ރައްޔިތުންނަށް ކޮށް ދެވޭނީ ގޮތް ދޫކުރަން ޖެހޭ ކަންކަމުގައި ގޮތް ދޫކުރައްވާ ވެރިއެއް ވަޑައިގަންނަވައިގެން ކަމަށް އޭނާ ދެކެ އެވެ. އެފަދަ ވެރިޔަކަށް އިބޫ ވާނެ ކަމަށް ވެސް ގަބޫލު ކުރެ އެވެ.

ވަޒަންބެ ބުނީ، ރާއްޖެ މިހާރު ބޭނުން ވަނީ ބަދަލަކަށް ކަމަށާއި އިބޫ ނޫން އެހެން ކެންޑިޑޭޓެއް ނުކުތް ނަމަވެސް ތާއިދު ކުރާނެ ކަމަށެވެ. އަދި އިބޫއަށް ކާމިޔާބު ވާނެ ކަމުގެ ބޮޑު އުއްމީދެއް އޮތް ކަމަށް ވެސް ބުންޏެވެ. އެ ރަށަކީ ރައީސް މައުމޫނާއި ގާސިމް އިބްރާހިމްގެ ތާއިދު ބޮޑު ރަށެއް ކަމަށާއި އެހެންވެ މިފަހަރު އެ ރަށުގެ ގިނަ ވޯޓު ދާނީ އިދިކޮޅަށް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ދަތުރުގެ އެންމެ ފަހު ދުވަހު އިބޫ ވަޑައިގެންނެވީ ކުޑަރިކިލާއި ކަމަދޫއަށެވެ. ދަރިން ސްކޫލުން ނިމޭ ގަޑީގައި އިބޫ ކިޑަރިކިއްޔަށް ވަޑައިގެންނެވި ނަމަވެސް ދަރިންގެ ފޮތް ދަބަސްތަކާއެކު ވެސް އެ ރަށުގެ އަންހެންވެރިން އިބޫއަށް މަރުހަބާ ކިޔެ އެވެ. ކަމަދޫ ވެސް އެފަދަ އެވެ. ރީނދޫ ހެދުމާއި ރީނދޫ ބުރުގާ އަޅައިގެން ހުރި އެ ރަށުގެ މާމައެއް އިބޫއަށް މަރުހަބާ ކިޔަން ބަނދަރަށް ދިޔައިރު އިބޫ ފުރުވާފަ ނޫނީ ނުވެސް ކާނަން ކަމަށް ބުނެ އެހާ އަވީގައި ފުރުވަން ބަނދަރަށް ވެސް އެ މާމަ ނުކުތެވެ.

މިއީ އިބޫއަށް ބ. އަތޮޅުން ކީ މަރުހަބާ އެވެ. އެ ރަށްތަކުގެ އިދިކޮޅަށް ސަޕޯޓްކުރާ ރައްޔިތުންގެ އުއްމީދުތަކެވެ. ދެން އޮތީ އިބޫ އެހެން އަތޮޅުތަކަށް ވަޑައިގެންނެވުމުން އެ އަތޮޅުތަކުން ބ. އަތޮޅަށްވުރެ ހޫނު މަރުހަބާއެއް ކިޔާނެތޯ ބެލުމެވެ.