overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ސިޔާސަތުތަކުގެ ކުރިއަށް އޮއްސާލަނީ ވައުދު ފުންޏެއް

ރިޔާސީ އާ ދައުރެއްގެ އިންތިހާބު މިވަނީ ބޯމަތިވެފަ އެވެ. އިންތިހާބަށް ބާކީ އޮތީ އެންމެ 50 އެއްހާ ދުވަހެވެ. ރިޔާސީ ރޭހުގައި މިވަގުތު ވާދަ ކުރާނެކަން އިއުލާން ކޮށްފައިވަނީ އެންމެ ހަތަރު ބޭފުޅުންނެވެ. އެއީ މިހާރުގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާއި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ރައީސް ޝުޖާއު ހުސައިން އެވެ. މީގެ ތެރެއިންވެސް އިބޫ ވަނީ އިލެކްޝަނަށް ފޯމް ހުށަހަޅައި ކެންޑިޑެސީ ރަސްމީކޮށްފަ އެވެ.

އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާންކޮށް ހުރިހާ ބޭފުޅުންވެސް ކެމްޕެއިން ފަށާފައިވާއިރު، ކޮންމެ ކެނޑިޑޭޓެއްވެސް އެކެނޑިޑޭޓެއްގެ ވައުދުތައް ދަނީ އޮއްސާލަމުން ނެވެ. އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުންނާއި ހިއްސާ ކުރަމުން ނެވެ. ނަމަވެސް އިންތިހާބަށް ދެ މަހަށްވުރެ ކުޑަތަންވެފައިވާއިރު، އެއްވެސް ބޭފުޅެއްގެ ފަރާތުން މެނިފެސްޓޯއެއް ހަމަބިމަށް ތިރިކޮށްފައެއް ނުވެ އެވެ.

މެނިފެސްޓޯއެއް ފެނިގެން ދިޔައީ އިންތިހާބުގައި އެންމެ ފުރަތަމަ ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ނެވެ. ޖަޒީރާ ރާއްޖޭގެ ނަމުގައި ލޯންޗް ކުރި މެނިފެސްޓޯ އެދުވަސްވަރު ވަރަށް ގަދަޔަށް އެމްޑީޕީން ބޭނުންވެސް ކުރިއެވެ. ނަމަވެސް ރައީސް ނަޝީދު މިއަހަރުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާންކޮށް ކެނޑިޑެސީ ދޫކޮށްލުމުން، އެމެނިފެސްޓޯއާއެކު އިދިކޮޅުން ނިކުންނެވީ އިބޫ އެވެ. ނަމަވެސް އެ މެނިފެސްޓޯއަށް އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީތަކުން އެއްބަސްވެވޭ ގޮތެއް އަދި ނުވި އެވެ.

އެންމެ ފުރަތަމަ އެކަމަށް ފާޅުގައި ދެކޮޅު ހަދާފައިވަނީ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. ޖުމްލަ 11 ކަމެއް ހިމަނައި ނެރުނު މެނިފެސްޓޯގައި އެމްޑީޕީގެ މެނިފެސްޓޯއާ ދެކޮޅު ކަންތައްތަކެއް ހިމެނިގެންދިޔަ އެވެ. އޭގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލު ނުކުރުމަށާއި އެއްވެސް ހާލަތެއްގައި ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރުގެތަކަށް އައްޔަން ނުކުރުމަށް ގާސިމްގެ މެނިފެސްޓޯގައި ހިމެނިގެންދިޔަ އެވެ.

އެކަމުގެ ސަބަބުން އިދިކޮޅުން އެއްގަލަކަށް އެރިކަމަށް ދެކެވުނު ވާހަކަތަކަށް ސުވާލު އުފެދުނެވެ. ނަމަވެސް އިދިކޮޅުން ވަނީ އިދިކޮޅު އިއްތިހާދުގެ ޕާޓީތައް އެއްބަސްވެވޭ މެނިފެސްޓޯއެއް އެކުލަވާލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އޭގެ ފަހުން އަދާލަތު ޕާޓީންވެސް ވަނީ 36 ކަމެއް ހިމަނައި މެނިފެސްޓޯއެއް ނެރެފަ އެވެ. އެކަންކަން މަޝްވަރާގައި ހުށަހަޅާނެ ކަަމަށްވެސް އެޕާޓީން ވަނީ ބުނެފަ އެވެ.

"އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އެ ޕާޓީގެ ތަސައްވުރު، ނަމަވެސް ކޯލިޝަނެއްގެ ގޮތުގައި ނުކުންނަނަމަ އެހެން ޕާޓީތަކުން ބޭނުންވާ ކަންކަން ވެސް މެނިފެސްޓޯގައި ހިމަންޖެހޭނެ ކަމަށް ގަބޫލު ކުރައްވަން، އެ ފުރުސަތު އޮންނަން ވެސް ޖެހޭނެ، އެހެން ނަމަވެސް އެމްޑީޕީގެ މައިގަނޑު އަސާސްތަކާއި ސިޔާސަތުތައް ހިފަހައްޓަން އަޅުގަނޑުމެން މަސައްކަތް ކުރާނަން، އެޔަކަށް ބަދަލުތަކެއް އަންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އިބޫ މީގެ ކުރިން ވިދާޅުވި އެވެ.

އިދިކޮޅު ކެނޑިޑޭޓް އިބޫ، މިދިޔަ ހަފްތާ ތެރޭގައި ވަނީ އިދިކޮޅު ކޯލިޝަންގެ އެއްބަސްވެވޭ މެނިފެސްޓޯ ދެ ދުވަހެއްގެ ތެރޭގައި ހާމަ ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފި އެވެ. އޭގެ ފަހުން މެނިފެސްޓޯ އެކުލަވާލުމަށާ އެއްކޮށް ބ، އަަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ފުޅުގައިވެސް އިބޫ ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައި ވެއެވެ، އަދިވެސް އެބުނާ މެނިފެސްޓޯއެއް ތިލަވެފައެއް ނެތެވެ. މެނިފެސްޓޯ އެކަށާ އެޅިގެން ނެރޭނެ ދުވަހެއްވެސް ސާފުވެފައެއް ނެތެވެ.

"އަޅުގަނޑުމެންނަށް އެއްކުރެވޭ މައުލޫމާތުތައް ހިމަނައިގެން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހުރިހާ ޕާޓީތައް އެއްބަސްވާ ކަންކަން ހިމެނޭ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެއް އާންމު ކުރާނަން،" އިބޫ މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

އިދިކޮޅުން ނެރޭ މެނިފެސްޓޯގައި މިހާރު އޮތް ޖަޒީރާ ކެމްޕެއިންގެ، ނޫއިގްތިސޯދް ސިޔާސަތުތަކަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް އެބޭފުުޅުންވެސް ވަނީ ބުނެފަ އެވެ. އެހެން ކަމުން އިދިކޮޅުގެ މެނިފެސްޓޯ ގާތްގަނޑަކަށް ވަރަށް ސާފެވެ. އެކަމަކު އަދިވެސް ސާފުވާން ޖެހޭ ކަންކަން ގިނަ އެވެ. ހާއްސަކޮށް، ދެ އަހަރުގެ އިންތިގާލީ ވެރިކަމެއް ގާއިމް ކުރާ ކަމަށް ބުނާ ވާހަކަ އާއި އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް އިދިކޮޅުގައި އޮތް ހައްލުތަކެއް މެނިފެސްޓޯއިން އަދި ތިލަވެގެނެއް ނާދެ އެވެ.

ސާފުވެފައިނުވާ މެނިފެސްޓޯއަކީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯ އެވެ. މިދިޔަ މަހުގެ ތެރޭގައި ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ބައެއް ރަށްށުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ވައުދުތައް ނިއުޅާލައި ރައްޔިތުންނާ ހިއްސާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި އެއާޕޯޓްތައް ހެދުމުގެ ވައުދުތަކާއި ކިޔަވާދޭ ސިލަބަސްއަށް ބޮޑު ބަދަލެއް ގެންނައުމުގެ ވައުދު ހިމެނެ އެވެ.

ރައީސް ޔާމީން ވަނީ މެނިފެސްޓޯގައި ހިމެނޭ ކަންކަން މަޑުމަޑުން ހިއްްސާ ކުރަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ. ރޭވެސް ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑު ވައުދެއްވެވަޑައިގެންފަ އެވެ. މަކަމަކީވެސް މެނިފެސްޓޯގައިި ހިމެނޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު ޖުމްލަކޮށް އެކުލަވާލާފައި އޮތް މެނިފެސްޓޯއެއް އަދި ތިލަވެގެނެއް ނާދެ އެވެ.

"އަޅުގަނޑު މިރޭ ބޭނުންފުޅުވަނީ އަންނަ ދައުރަށް އޮންނާނެ ރިޔާސީ މެނިފެސްޓޯގެ ވާހަކައެއް ދައްކާކަށް ނޫން، އެއީ ސަޕްރައިޒްއެއް، އެ ހަދިޔަާ އަންނާނީ ފަހުން، އެ އީދުގެ ހަދިޔާ ކުރިން އިތުރު ހަދިޔާއެއް އޮންނާނެ،" ރައީސް މިދިޔަ މޭމަހު ބޭއްވި ޖަލްސާއެއްގައި ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް ޔާމީންގެ އާ މެނިފެސްޓޯއަކީ ސަޕްރައިޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ސަޕްރައިޒްގެ އިންތިޒާރުގައި ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް އެކަންވެސް ގޮސްފައި އޮތް ހިސާބެއް ނޭނގެ އެވެ. މެނިފެސްޓޯއާ އެއްކޮށް އެކުލަވާލާފައިވާ ކަމެއް ނުވަތަ އެއްކޮށް ނިމި ރައްޔިތުންނާ ހަމައަށް އަންނާނެ ދުވަހެއްވެސް ނޭންގެ އެވެ. އެކަންކަން އަދިވެސް އޮތީ ހަމަ ސަޕްރައިޒެއްގެ ގޮތުގަ އެވެ.

އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކޮށްފައިވާ ކެނޑިޑޭޓުންގެ ތެރެއިން އުމަރު ނަސީރު ވެސް އަންނަނީ މަދުން ނަމަވެސް ވައުދުތައް ހިއްސާ ކުރައްވަމުން އެވެ. އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ހާމަ ކުރައްވައި، އޭނާގެ ސަރުކާރެއްގެ ސިޔާސަތުތައް ހާމަ ކުރެއްވުމަށް ސިލްސިލާކޮށް ވީޑިއޯތަކެއް ނެރުއްވަމުން ގެންދެވި އެވެ، ނަމަވެސް އެކަންވެސް ވަނީ މިހާރު ހުއްޓިފަ އެވެ.

"މެނިފެންސްޓޯ ވަރަށް ބޮޑުބައި ވަނީ ނިމިފަ، ބައެއް ކަންކަން މިހާރުވެސް ވާނީ ރައްޔިތުންނާއި ހިއްސާކޮށްފަ، ކެމްޕެއިން ކަންތައްތައްވެސް ކުރިއަށް ގެންދާނަން،" އުމަރު މީގެ ކުރިން ވިދާޅުވި އެވެ.

އުމަރު ވަނީ އޭނާގެ މެނިފެސްޓޯ އެކުލަވާލުމަށް ރައްޔިތުންގެ އެހީތެރިކަމަށްވެސް އެދިފަ އެވެ. މެނިފެސްޓޯ ކަންކަން ނިމިފައިވާ ކަމުގެ އެއްވެސް އިޝާރާތެއް އުމަރުގެ ފަރާތުން ދީފައެއް ނުވެ އެވެ. ވަގުތު ޖެހުމުން މެނިފެސްޓޯ ހިއްސާ ކުރައްވާނެ ކަމަށް އުމަރުވެސް ދަނީ ބުނަމުން ނެވެ.

ޝުޖާއުވެސް އޭނާގެ ސިޔާސަތުތައް މަދުން ނަމަވެސް ދަނީ ހާމަ ކުރައްވަމުން ނެވެ. ބަޔާނެއްގެ ގޮތުގައި ފުރަތަމަވެސް ނެރުނު ވައުދަކީ ވަޒީފާނެތް ފަރާތްތަކަށް އެލަވެންސެއް ދިނުމެވެ. ނަމަވެސް ވައުދުތައް އެއްކޮށްލައި މެނިފެސްޓޯއެއް މިހާތަނަސް ޝުޖާއުގެ ފަރާތުންވެސް ފެނިފައެއް ނުވެ އެވެ. އަދި އެމަސައްކަތް ކުރިއަށްދަނީ ކޮން ގޮތަކަށް ކަމެއްވެސް މިއަދާ ހަމައަށްވެސް ތިލަވެފައެއް ނުވެ އެވެ.

މިއަހަރުގެ އިންތިހާބަސް ދެމަހަށްވުރެ ކުޑަތަން ވެފައިވާއިރު، މެނިފެސްޓޯތައް ހިއްސާ ކުރުން ލަސްވެފައިވާ ކަމަށް ގަބޫލުކުރާ ދިވެހީން މަދެއް ނޫނެވެ. ރައްޔިތުންނަށް އެންމެ ބޭނުންވާ ރައްޔިތުން އެދޭފަދަ ކަންކަން ހިމެނޭ މެނިފެސްޓޯއެއް ނިއުޅާލާނީ ކޮން ކެނޑިޑޭޓެއްތޯ ބަލަން ރައްޔިތުން ތިބީ ކެއްމަދުވެފަ އެވެ، އެންމެ ފުރިހަމަ މެނިފެސްޓޯއަކަށް ރައްޔިތުން ތިބީ އިންތިޒާރުކޮށްލަ ކޮށްލަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް ކެނޑިޑޭޓެއްގެ މެނިފެސްޓޯ ތިލަވާގޮތް ވަނީ ނުވެފަ އެވެ. ހުރިހާ މެނިފެސްޓޯއެއްވެސް މިއޮތީ ސަޕްރައިޒަކަށްވެ އިންތިޒާރު ކުރަން ޖެހިފަ އެވެ.