ދުނިޔެ

ބުރުގާ އަޅާތީ ވަޒީފާއިން މަހުރޫމެއް ނުކުރެވޭނެ: އެމެރިކާގެ ސުޕްރީމް ކޯޓް

Jun 3, 2015

ބުރުގާ އެޅުމަކީ އުޒުރެއް ކަމަށް ބަލައި ވަޒީފާ އިން މަހުރޫމް ނުކުރެވޭނެ ކަމަށް އެެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

އެމެރިކާގެ އެންމެ މަތީ ކޯޓުން އެ ގޮތަށް ނިންމާފައި ވަަނީ، ބުރުގާ އަޅާފައި ހުންނާތީ މުސްލިމް އަންހެނަކަށް ވަޒީފާ ނުދޭން އެމެރިކާގެ ރީޓެއިލް ކުންފުންޏަކުން 2008 ގައި ނިންމި ނިންމުން އޭނާ ކޯޓަަށް ހުށަހެޅުމުން އިއްވި ހުކުމުގަ އެވެ.

އޭރު އުމުރުން އެންމެ 17 އަހަރުގެ ސަމަންތާ އަލައުފް އަށް ވަޒީފާ ދޭން އަބަކްރޮމްބީ އެންޑް ފިޗުން ދެކޮޅު ހެދީ ބުރުގާ އެޅުމަކީ އެ ކުންފުނީގެ ޑްރެސް ކޯޑާ ހިލާފު ކަމެއް ކަމަށް ބުނެ އެވެ.

އަލައުފުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅީ، ވަޒީފާގެ މާހައުލުގައި ހުންނަ ތަފާތުތައް ނައްތާލަން މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ އީކުއަލް އެމްޕްލޯއިމެންޓް އޮޕަޗޫނިޓީ ކޮމިޝަނުންނެވެ.

އަލައުފުގެ ދިފާއުގައި އެ ކޮމިޝަނުގެ ވަކީލުން ކޯޓުގައި ބުނެފައި ވަނީ 1964 ވަނަ އަހަރު އަމަލުކުރަން ފެށި ސިވިލް ރައިޓްސް ގާނޫނުގެ ދަށުން އަލައުފަށް ވަޒީފާގެ ހިމާޔަތް ލިބެން ޖެހޭނެ ކަމަށެވެ. އެއީ، ވަކީލުން ބުނެފައިވާ ގޮތުގައި، އެ މީހަކު ތަބާވާ ދީނެއްގެ ސަބަބުން ވަޒީފާ އަދާކުރުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވާތީ އެވެ.

އެހެން ނަމަވެސް، އަބަކްރޮމްބީން ބުނެފައި ވަނީ ބުރުގާ އަޅައިގެން އިން ނަމަވެސް އޭނާ އަކީ މުސްލިމެއް ކަމަަށް އަލައުފް އިންޓަވިއުގައި ބުނެފައި ނުވާ ކަމަށެވެ. އަދި ބުރުގާ އަޅަނީ ދީނީ ކަމެއްގެ ގޮތުގައި ކަމަށް ބުނެ، ޑްރެސް ކޯޑުން ލުޔެއް ހޯދުމަށް އަލައުފް ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ބުނީ އެކި ދީންތަކުގެ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ބުރުގާ އަޅާ މުސްލިމް އަންހެނުން ވެސް ހިމެނޭ ކަމަށެވެ.

އެކަމަކު، މިފަދަ މައްސަލަތަކެއްގެ ތުހުމަތު މީގެ ކުރިން ވެސް އަބަކްރޮމް އަށް ކޮށްފައިވެ އެވެ. އެ ގޮތުން، ބުރުގާ އެޅި އެހެން ދެ އަންހެނަކަށް ވަޒީފާ ދޭން ދެކޮޅު ހެދި މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކުރުމަށް އެ ކުންފުނިން 2013 ގައި ކޮންމެ އަންހެނަކަށް 71،000 ޑޮލަރު ވެސް ދީފައިވެ އެވެ.