ދުނިޔެ

ފަގީރު ކުދިންނަށް ބަހާ ތަށިބަރީގައި ބިސް ހިމެނުން އިންޑިއާގެ ސްޓޭޓެއްގައި މަނާކޮށްފި

Jun 3, 2015

ފަގީރު ކުދިންނަށް ބަހާ ތަށިބަރީގައި ބިސް ނުވަތަ ބިސް ހިމެނޭ އެއްވެސް އެއްޗެއް ހިމެނުން އިންޑިއާގެ މަދުޔަ ޕްރަދޭޝް ސްޓޭޓުގެ ޗީފް މިނިސްޓަރު ޝިވްރާޖު ސިންހް މަނާކުރައްވައިފި އެވެ.

ޗީފް މިނިސްޓަރު އެ ގޮތަށް ނިންމެވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ.

އެހެން ނަމަވެސް، އިންޑިއާގެ މީޑިއާ އިން އިއްޔެ ބުނި ގޮތުގައި ހިންދީ ދީނުގެ ޖެއިން މަޒުހަބަށް ނިސްބަތްވާ މީހުން ގެންގުޅޭ ބިސް ކެއުމާ ދެކޮޅު ގަބޫލުކުރަންތަކާ ޝިވްރާޖު ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ޖެއިން މަޒުހަބުގެ މީހުން ގަބޫލުކުރާ ގޮތުގައި ބިސް ކެއުމުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާވެ އެވެ.

ޗީފް މިނިސްޓަރުގެ މި ނިންމެވުމަށް ފަގީރު ކުދިންގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި މަދުޔަ ޕްރަދޭޝްގެ ދެބައިކުޅަ އެއްބަޔަަށް ވުރެ ގިނަ ކުޑަކުދިންނަށް ކާޑު ބަލިޖެހިފައި ވާއިރު، ބިސް ފަދަ ކުދިންގެ ހެދި ބޮޑުވުމަށް ބޭނުންވާ ޕްރޮޓީންގެ ބައި ގިނަ އެއްޗެއްގެ ފައިދާ އެ ކުދިންނަށް ވަރަށް ބޮޑަށް ކުރާނެ އެވެ. ކުދިންނަށް ބިސް ދިނުމާ ދެކޮޅު ހަދަނީ، އެ މީހުން ބުނާ ގޮތުގައި، މުއްސަނދިންނާއި މަތީ ކާސްޓުތަކުގެ މީހުންނެވެ.

"ކާނާ ފޯރުކޮށް ދިނުމަަށް ހިންގާ ސްކީމްތަކުގެ ހަގީގީ ފައިދާ ކުރާ ފަގީރުން އެކަހަލަ ވިސްނުމެއް ނުގެންގުޅޭ. ލިބިގެން އުޅޭ މީހުން މިހަލަ ހިޔާލުތައް ގެންގުޅުމުގެ އިތުރަށް، ފަގީރު ކުދިންނަށް ކާއެއްޗެއް ދިއްކޮށްލަން ވެސް އެއްވެސް ކަމެއް ނުކުރޭ،" އެކްޓިވިސްޓެއް ކަމަށްވާ ސަޗިން ޖެއިން، ސްކްރޯލް.އައިއެން ވެބްސައިޓުގައި ލިޔެފައިވެ އެވެ.

މަދުޔަ ޕްރަދޭޝްގެ އިތުރުން، އިންޑިއާގެ އެހެން ބައެއް ސްޓޭޓްތަކުގައި ވެސް ފަގީރު ކުދިންނަށް ބަހާ ތަށިބަރީގައި ބިސް ހިމެނުން މަނާކޮށްފައިވެ އެވެ.