ހަބަރު

ރިލްވާން މައްސަލާގައި މިނިވަން ތަހުގީގެއް ކުރާނަން: އިބޫ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދައިދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރިލްވާން ގެއްލުވާލި މައްސަލާގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ އިންސާފު ލިބިގެން ނުދިޔުމުން ހިތާމަ ކުރައްވާ ކަމަށެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލި ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން އެ ދައުވާއިން މިއަދު ސަލާމަތްވެފައިވަނީ އެކަށީގެންވާ މިންވަރަށް ފުލުހުން ތަހުގީގު ހިންގާފައިނުވާތީ ހެކި ލިބިފައިނުވާތީ ކަމަށް މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް އިއްވެވި ހުކުމުގައި ބުނެފައިވެ އެވެ.

އިބޫ ވިދާޅުވީ، އެ މައްސަލާގައި ފުލުހުން ތަހުގީގު ހިންގީ ރަނގަޅަށް ނޫން ކަމަށް މީގެކުރިން ވެސް އެކި ފަހަރު މަތިން ފާހަގަކުރައްވާފައިވާނެ ކަމަށެވެ. މިއަދު ވެސް އެކަން ސާބިތުވެގެން ގޮސްފައިވާކަން އިބޫ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ރިލްވާންގެ މައްސަލާގައި ދެފުށް ފެންނަ މިނިވަން ހުޅުވާލެވިފައިވާ ތަހުގީގެއްކޮށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނަން،" އިބޫ ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ހުރިކަން ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް މިއަދު ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވެ އެވެ. ހުކުމުގައި ބުނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ.

އެހެންވެ ރިލްވާންގެ އާއިލާއިން ވެސް ވަނީ ފުލުހުން ގޮވައިގެން ކޯޓަށް ދާން ނިންމާފަ އެވެ. އަދި އާލިފާއި ނޫރައްދީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލްކުރަން ހައިކޯޓުގައި އިސްތިއުނާފުކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އެދެން ނިންމާފަ އެވެ.