ހަބަރު

އިހަވަންދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި

Aug 2, 2018
4

ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ހައްޔަރުކޮށް އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ ފޯނުތައް ހިފަހައްޓައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ފަސް ކައުންސިލަރުންގެ ފޯނު ފުލުހުން ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. މުހައްމަދު ރަޝީދު ހައްޔަރުކޮށްފައިވާއިރު އޭނާ ދިރިއުޅޭ ގެ ވެސް ފުލުހުން ދަނީ ބަލާ ފާސްކުރަމުންނެވެ.

ކައުންސިލްގެ ރައީސް ހައްޔަރުކޮށް އެހެން ކައުންސިލަރުންގެ ފޯނުތައް ހިފަހެއްޓިއިރު އެ ކައުންސިލަރުން މިހާރު ވެސް ތިބީ ސަސްޕެންޑްކޮށްފަ އެވެ.

މިދިޔަ ޖޫން މަހު އެ ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކުރީ ކައުންސިލަރުން މުޒާހަރާތަކުގައި ބައިވެރިވާ މައްސަލައާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މައްސަލައިގެ އިތުރަށް ފޭސްބުކްގައި ރައީސް އަބުދުﷲ ޔާމީނަށް ހުތުރުވާ ގޮތަށް ޕޯސްޓްތައް ޝާއިއު ކުރާ މައްސަލާގަ އެވެ.

އޭގެ ކުރިން ވެސް އެ ކައުންސިލަރުން ސަސްޕެންޑްކުރި އެވެ. އެފަހަރު ސަސްޕެންޑްކުރީ މިދިޔަ އަހަރު އެރަށުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާއާ ގުޅިގެން ހިނގައިދިޔަ ކަންކަމާ ގުޅިގެންނެވެ.