ހަބަރު

އިބޫ ދީނީ ސިޔާސަތު ހާމަނުކުރާތީ ޝަހީމް ކަންބޮޑުވުން ފާޅުކުރައްވައިފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިހާތަނަށް ވެސް ދީނީ ސިޔާސަތު ހާމަ ކުރައްވާފައިނުވާ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރޭ ސަންގް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ކެމްޕެއިނަށް ދޮޅު މަސް ވެގެން ދިޔައިރު ވެސް އިބޫގެ ފަރާތުން އިސްލާމް ދީނުގެ އެއްވެސް ވާހަކައެއް އަޑުއިވިފައިނުވާ ކަމަށެވެ. ދީނާ ގުޅޭ އެއްވެސް ސިޔާސަތެއް ހާމަ ކުރައްވާފައިނުވާ ކަމަށެވެ.

"މިހާރު ވެސް ކެންޑިޑޭޓް ނުކުމެ ވިދާޅުވާންވީ ނޫންތޯ އިސްލާމް ދީން މި ރާއްޖޭގައި ހިމާޔަތް ކުރާނަމޭ، އެ ނޫން ދީނަކަށް ޖާގަ ނުދޭނަމޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެމްޑީޕީއިން ރާއްޖޭގައި ވެރިކަން ކުރި އިސްލާމީ ޝަހުސަށް އޮތީ ނުރައްކާވެފަ ކަމަށާއި ސިޔާސަތުތައް ހުރީ އިސްލާމް ދީނާ ވަރަށް ބީރައްޓެހި ގޮތަކަށް ކަމަށެވެ. އެމްޑީޕީގެ އެ ފަލްސަފާ ބަދަލުވެއްޖެ ކަމެއް އަދި ހާމަކޮށްފައިނުވާ ކަމަށެވެ.

ގައުމަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރުން ކަމަށާއި އެމަނިކުފާނަކީ އިސްލާމް ދީން ކުރިއަރުވާ ވެރިއެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އެމްޑީޕީ ސަރުކާރާއި މި ސަރުކާރުން ދީނީ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތް ވަރަށް ސާފު ކަމަށާއި ދީނަށް ހުރުމަތްތެރިކޮށް ހިތާފައިވަނީ މި ސަރުކާރުން ކަމަށެވެ.