overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ގިނަ ކަންކަމުގައި ޔާމީން ފެއިލްވެއްޖެ، އިބޫއަށް ކަންކަން ހައްލުކުރެވޭނެ: ދުންޔާ

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ގައުމަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ގާބިލު ބޭފުޅެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ގިނަ ކަންކަމުން ފެއިލްވެފައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ އިބޫ އާއި އޭނާގެ ރަނިން މޭޓު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްއަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ދެ ބޭފުޅުންގެ އިންތިހާބަށް ނިކުމެވަޑައިގަތީ ހަތަރު ލީޑަރުންގެ ފުރިހަމަ ތާއީދާއެކުގައި ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ގޯސްކޮށް ހިނގާފައި ހުރި މައްސަލަތައް ހައްލުވާނެ ކަމުގެ އުންމީދެއް އެ ދެ ކެންޑިޑޭޓުންގެ ފަރާތުން ފެންނަމުންދާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

އިބޫ އަށް ތައުރީފް ކުރައްވަމުން ދުންޔާ ވިދާޅުވީ އޭނާއަކީ ރާއްޖޭގައި އިންސާފު ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި އިބޫގެ އިހުލާސްތެރި ސިފަތަކުގެ ސަބަބުން ރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލުކޮށް މިހާރު އުފިދިފައި އޮތް ބައިބައިވުންތައް ނިމުމަކަށް ގެންނާނެ ކަމަށް ގަބޫލު ކުރާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ގައުމުގަ ބައިބައިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ބަދަހިކަން ގެންނާނެ ވެރިއަކަށް އިބޫވާނެ ކަމަށް،" ދުންޔާ ވިދާޅުވި އެވެ.

ރައީސް ޔަމީންއަށް އިޝާރަތް ކުރައްވާ ދުންޔާ ވިދާޅުވީ ގައުމަށް ދިމާވެފައި ހުރި ބައެއް ކަންކަން ރައީސް ޔާމީން ހައްލުކޮށްދެއްވި ކަމަށެވެ. ނަމަވެސް ދިވެހިން އެއްބައިވަންތަ ބަޔަކަށް ހެދުމާއި ސިޔާސީ ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި އެމަނިކުފާނު ފެއިލްވެފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ. އެގޮތުން ގިނަ ސިޔާސި ފަރާތްތައް ޖަލުގައި ތިބުމާއި މަޖިލީސް ނުހިނގާ އޮތުމާއި 12 މެންބަރެއްގެ ގޮނޑީގެ މައްސަލަ ދުންޔާ ފަހަގަ ކުރެއްވި އެވެ.

"ރައީސް ޔަމީން ޖެހޭ ކޮންމެވެސް ވަރަކަށް އިންސާނިއްޔަތުކަން ވެސް ދައްކަން، މިސާލަކަށް އަޅުގަނޑުގެ ބައްޕަ [ރައީސް މައުމޫން] ކޮށްދެއްވާފައި ހުރި ހިދުމަތްތަކާއި އުމުރުފުޅާ އެއްވެސް އެއްޗަކަށް ނުބަލާ މާފެއް ނުވަތަ ލުއިއެއް ދީފައި ނުވޭ، އަޅުގަނޑު ގަބޫލު ކުރަނީ ދިވެހިން ވަރަށް ބޮޑަށް ބޭނުންވޭ މިނިވަން މާހައުލެއް ބިރުވެރިކަމެއްގެ މަތީ އުޅެން ނުޖެހޭ ދުވަހެއް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އިތުރަށް ވިދާޅުވީ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުންތަކެއް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގިނަ އިންވެސްޓަރުން ވެސް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އަނެއްފަޅިއަށް ބަލާނަމަ ދަރަނި ބޮޑުވުމާއި އެ އަދާކުރުމުގެ ގާބިލުކަން ހުރި ކަމާމެދު ސުވާލު އުފެދޭ މައްސަލަތައް ހުރި ކަމަށެވެ. ސަރަހައްދީ ހަމަޖެހުމަށް ބަލާއިރު އިންޑިޔާ އާއި ޗައިނާ ދެމެދު އޮންނަ ގުޅުން ހަމަހަމަކޮށް ގެންދިޔުމުގެ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާ މާ ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ގިނަ އެހީތަކެއް ލިބުން ނަމަވެސް މާ ބޮޑަށް އެ ގައުމަށް ބަރޯސާވުމަކީ ދުރު މުސްތަގުބަލުގައި ލިބޭނެ ގެއްލުމެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.