ދުނިޔެ

ފެތުނު ޗައިނާ ބޯޓުން މީހުން ސަލާމަތްކުރަން "ވަގުތާ ދެކޮޅު ހަނގުރާމައެއް"!

Jun 3, 2015

ޗައިނާގެ ދެކުނު ސަރަހައްދެއްގެ ކޯރެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި އިއްޔެ ފެތުނު ބޯޓުން ދަތުރުުކުރި މީހުން ހޯދުމުގެ މަސައްކަތަކީ ވަގުތާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޔޭންގް ޗައުޓަންގް މިއަދު ވިދާޅުވެއްޖެ އެވެ.

ޔޭންގް ވިދާޅުވި ގޮތުގައި ކިރިޔާ ވެސް އުއްމީދެއް އޮއްވާ އެ މަސައްކަތް ހުއްޓައެއް ނުލާނެ އެވެ.

"ދިރި ތިއްބަސް ނުވަތަ މަރުވެފައި ތިއްބަސް ފަރުވާލެއް ނެތް. އަހަރުމެން ބަލަނީ އެއީ އަމިއްލަ އާއިލާ މީހުން ކަމަށް. އެ މީހުން ސަލާމަތްކުރަން ކުރެވުނު ހުރިހާ ކަމެއް ކުރާނަން،" ޔޭންގް ވިދާޅުވި އެވެ.

އުތުރުގެ އަވަށެއް ކަމަށްވާ ނަންޖިން އިން ފުރައިގެން ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ޗޮންގިން އަވަށަށް ދަތުރުކުރަނިކޮށް، ޔަންގް ޒީ ކޯރަށް ފެތުނު ބޯޓުން ޖުމްލަ 456 މީހުން ދަތުރުކުރި އެވެ. އީސްޓާން ސްޓާގެ ނަމުން ނަން ދީފައިވާ ބޯޓުގައި ތިބީ 405 ޗައިނާގެ ފަސިންޖަރުންނާއި އެ މީހުންނާ ހަވާލުވެގެން ދިޔަ ޓްރެވަލް އެޖެންސީގެ ފަސް މުވައްޒިފެއްގެ އިތުރުން 46 ފަޅުވެރިންނެވެ.

އޭގެ ތެރެއިން ހަތް މީހެއްގެ ހަށިގަނޑު މިހާރު ފެނިފައި ވާއިރު، 14 މީހަކު ވަނީ ދިރިހުއްޓާ ސަލާމަތްކޮށްފަ އެވެ. ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެކަމަކު، 76 މީޓަރު ދިގު، 2،200 ޓަނުގެ ބޯޓު މިހާރު އޮތީ 150 މީޓަރަށް ވުރެ ފުން ސަރަހައްދެއްގައި ކަމުން، އެއީ އުދަނގޫ މަސައްކަތެކެވެ.

ސަލާމަތްކުރި މީހުންގެ ތެރޭގައި ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު ހިމެނެ އެވެ. ހުބޭއީ ޕްރޮވިންސްގެ ޖިއަންލީ އަވަށް ހުރަސްކުރަނިކޮށް ބޯޓު ފެތުނީ ނަގޫރޯޅިއެއްގައި ޖެހިގެން ކަމަށް ކެޕްޓަން ބުނި ނަމަވެސް އޭނާ އާއި ޗީފް އިންޖިނިއަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޗޮންގިންގް އީސްޓާން ޝިޕިން ކޯޕަރޭޝަންގެ ނަމުން ނަން ދީފައިވާ އަމިއްލަ ކުންފުންޏަކުން ދުއްވާ ބޯޓު ފެތުނު ސަރަހައްދަށް ޗައިނާގެ ބޮޑުވަޒީރު ލީ ކީގިއަން ޒިޔާރަތްކުރެއްވި އެވެ.

މި ބޯޓު ފެތުނު ކޯރުގައި ނުރައްކާތެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެ ގޮތުން، ޓެސްޓުތަކެއް ހަދަން ދަތުރުކުރި ޓަގު ބޯޓެއް މިދިޔަ ޖެނުއަރީ މަހު ކަނޑުވެ، ފެތުނު ހާދިސާގައި 22 މީހަކު މަރުވެފައިވެ އެވެ.