ވިޔަފާރި

އަމިއްލަ މަސްލަހަތު އިސްކުރާ ބަޔަކު މީރާގެ ނަން ހަޑި ކުރަމުންދޭ: ޔަޒީދު

އަމިއްލަ މަސްލަހަތު އިސްކުރާ ބަޔަކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަން ހަޑި ކުރަމުންދާ ކަމަށް ވިދާޅުވެ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ޓެކްސް ނިޒާމަށް ފާޑުކިޔާ ފަރާތްތަކަށް މިރޭ ހޫނު ރައްދެއް
ދެއްވައިފި އެވެ.

މީރާގެ އަށް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޔަޒީދު ވިދާޅުވީ އަމިއްލަ މަސްލަހަތު އިސްކުރާ ބަޔަކު މީރާއާ މެދު ތަފާތު ވާހަކަތައް ދައްކަމުންދާ ކަމަށާ، އެ ފަރާތްތަކަށް، ކުދި ވިޔަފާރިތަކަށް މީރާ އިން ދޭ ލުއިތަކާއި ވިޔަފާރި ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ކުދި ވިޔަފާރިތަކުން ދައްކަން ނުޖެހޭކަން ނޭނގެނީ ތޯ އޭނާ ސުވާލު ކުރެއްވި އެވެ. އަދި ޖީއެސްޓީގެ ސަބަބުން ކުދި ވިޔަފާރިތައް ބަނގުރޫޓުވާ ކަމަށް ބުނާ އިރު، ޖީއެސްޓީއަކީ މުދަލާއި ހިދުމަތް ހޯދާ އާއްމު ރައްޔިތުން ދައްކާ އެއްޗެއްކަން އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ ތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"ގަވާއިދުތައް ހަދައި މީރާއިން ކުދި ވިޔަފާރިތައް ޖޫރިމަނާ ކުރާ ވާހަކަ ދައްކާއިރުމ އެއީ، ގާނޫނު ހަދާ މަޖިލީހުން ސީދާ ހައްދަވާފައިވާ ޓެކުހުގެ ގާނޫނުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ތަކެއް ކަން ހަމަ އެނގިވަޑައިނުގަންނަވަނީ ތޯ؟،" ޔަޒީދު ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މީރާ އިން މަސައްކަތް ކުރަމުންދަނީ ޓެކްސް ދައްކަން ނުޖެހޭ، ފަރާތެއްގެ އަތުން ލޯ ލާރިއެއް ވެސް ނުނެގުމަށް ކަމަށެވެ. އަދި މިދިޔަ އަހަރު ކުދި ވިޔަފާރިތަކުގެ ތެރެއިން 3،000 އެއްހާ ވިޔަފާރީގެ ޖޫރިމަނާ އަށް ވެސް ލުއިތަކެއް ދީފައިވާނެކަން ޔަޒީދު ވިދާޅުވި އެވެ.