އިދިކޮޅު ކޯލިޝަންގެ ސަރުކާރުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ދުވަހަކު ވެސް ފުރުސަތެއް ނުދެނެ ކަމަށް އެ ކޯލީޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އިސްލާމް ދީނުގައި އަންގަވާފައި ވަނީ އިންސާފުވެރިކަމާ ރިވެހި އުސޫލު އިސްކޮށްގެން ކަންކަަން ކުރައްވަން ކަމަށާއި ނަމަވެސް މިއަދު ރާއްޖެ ފެނިގެން ދަނީ ނާއިންސާފާއި އަނިޔާވެރިކަމެއްގެ ތެރޭގައި އުޅޭ މަންޒަރު ކަމަށެވެ. ނަމަވެސް ދިވެހިން އަބަދުވެސް ތިބޭނީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ކަމަށށާއި އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް އަނިޔާ ދޭ ފަރާތްތަކަށް އަޅުގަނޑުމެން ހަނދާންކޮށްދޭން ބޭނުން ވަނީ އެހެން ދުވަހެއް އަންނާނޭ، އެ ދުވަސް އައިސް ޖެހުމުން ދެން އައިސް ކުރެވޭނެ އެެއްވެސް ކަމެއް ނޯންނާނޭ، އާހިރަތް ދުވަހުން ޖަވާބު ދާރީވުން ކޮންމެ މީހަކަށް ވެސް އޮންނާަނެ، އެކަމާ ތިބޭފުޅުން ވިސްނަވާށޭ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ މުޅި ގައުމު މިއަދު އިންސާފު ނުލިބިގެން އާދޭސް ކުރަމުންދާ ކަމަށާއި އެ އިންސާފު ލިބިގެން ދާނީ ކޯލިޝަންގެ ސަރުކާރުން ކަމަށެވެ. އެ ސަރުކާާރަކީ ދުވަހަކު ވެސް ފަނޑިޔާރުގެއަށް އަތްބާނާ އިންސާފާ ކުޅޭނެ ސަރުކާރެއް ނޫން ކަމަށާއި މިނިވަން މުއައްސަސާތަކުގެ ދައުރު އެންމެ ފުރިހަމައަށް އަދާ ކުރުމަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.