ދުނިޔެ

ރެފިއުޖީން ޓްރެެފިކްކުރި ތައިލެންޑު ސިފައިންގެ އޮފިސަރަކު ހައްޔަރުކުރަން އަމުރުކޮށްފި

Jun 3, 2015

ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން ޓްރެފިކް ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުކުރެވޭ ތައިލެންޑު އަސްކަރިއްޔާގެ އިސް އޮފިސަރެއްގެ މައްޗަށް ދައުވާ އުފުލައި އޭނާ ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި އެވެ.

ތައިލެންޑު ފުލުހުންގެ ވެރިޔާ ސަމްޔަތު ޕޫންޕަންމުންގް އިއްޔެ ވިދާޅުވި ގޮތުގައި ލެފްޓިނެންޓް ޖެނެރަލް މަނަސް ކޮންގްޕާން ހައްޔަރުކުރަން މިދިޔަ އާދިއްތަ ދުވަހު ވަނީ ކޯޓުން އަމުރުކޮށްފަ އެވެ. ރެފިއުޖީންގެ މަައްސަލައިގައި މަނަސްގެ މައްޗަށް ޖިނާއީ ދައުވާކުރަން ކޯޓަަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭނާ ނުފިލާނެ ކަމަށް ޔަގީންކުރަން،" ސަމްޔަތު ވިދާޅުވި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ބުންޏެވެ.

ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފައި ވަނިކޮށް، މަނަސް ވަނީ ތައި ނިއުސް އެޖެންސީ އަށް އިއްޔެ އިންޓަވިއުއެއް ދެއްވާފަ އެވެ. ސޮންގްލާ ޕްރޮވިންސްގައި ހުންނަވައިގެން ދެއްވި އެ އިންޓަވިއުގައި އޭނާ ވަނީ އެ ޕްރޮވިންސްގެ ފުލުހުންނާ އަމިއްލަ އަށް ހަވާލުވާން ތައްޔާރުވެ ވަޑައިގަންނަވަމުން ދާކަން ހާމަކުރައްވާފަ އެވެ.

"ކޮށްފައިވާ ތުހުމަތުތަކުން ދިފާއު ވާން މި ހުރީ ތައްޔާރަށް،" އެ އިންޓަވިއުގައި މަނަސް ވިދާޅުވެފައިވެ އެވެ.

އުމުރުން 58 އަހަރުގެ މަނަސް މަސައްކަތް ކުރައްވާފައި ވަނީ މަރާލުމަށް ފަހު ވަޅުލާފައިވާ ރެފިއުޖީންގެ ގަބުރުތައް ފެނުނު ސަރަހައްދުގަ އެވެ.

މިދިޔަ މަހުގެ މެދުތެރޭގައި އެ ގަބުރުތައް ފެނިފައި ވަނީ މެލޭޝިއާ އާއި ތައިލެންޑް ގުޅޭ ބޯޑަރު ކައިރީގައި އޮންނަ މެލޭޝިއާގެ ޕާލިސް ސްޓޭޓުގެ ޕަދަންގު ބެސާރު ސަރަހައްދާއި ވެންގް ކެލިއަން ސަރަހައްދުންނެވެ.

މީހުން ޓްރެފިކްކުރާ ބަޔަކު ބޭނުންކޮށް ދޫކޮށްލާފައިވާ 17 ކޭމްޕަކުން ފެނުނު 139 ކަށްވަޅުގައި ހުރި ކަމަށް ބޮޑަށް ބެލެވެނީ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންތަކެއްގެ ގަބުރުތަކެކެވެ. މިއީ މިފަދަ ކަށްވަޅުތަކެއް މެލޭޝިއާ އިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވިޔަސް، މިފަދަ އެތައް ވަޅެއް މީގެ ކުރިން ތައިލެންޑުން ފެނިފައިވެ އެވެ. އެ ކަށްވަޅުތައް ފެނިފައި ވަނީ މިޔަންމާ ދޫކޮށް ދާ ރޮހިންޔާ ދަރިކޮޅުގެ މީހުން ޓްރެފިކްކުރުމަށް އާއްމުކޮށް ބޭނުންކުރާ މަގުތަކުންނެވެ.

މަނަސްގެ މައްޗަށް ދައުވާކޮށް، ހައްޔަރުކުރަން އަމުރު ނެރުން ހިމެނެނީ ރެފިއުޖީންގެ މައްސަލަ ހައްލުކުރުމަށް ތައިލެންޑުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރޭގަ އެވެ. މިއީ ރެފިއުޖީންގެ މައްސަލައިގައި ތައިލެންޑް އަސްކަރިއްޔާގެ އޮފިސަރަކާ ދެކޮޅަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރު ވެސްމެ އެވެ.

މިއަންމާ ދޫކޮށް ދާ ގިނަ އަދަދެއްގެ ރޮހިންޔާ ދަރިކޮޅާއި ބަންގްލަދޭޝް މީހުން ކަނޑުމަތީގައި ހާލުގައި ޖެހުން ވަނީ އިތުރުވެފަ އެެވެ. ރެފިއުޖީންނަށް އަޅާލުމުގެ މައްސަލައިގައި ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. އެ ކަމުގެ ޒިންމާ ނަގާނެ ގައުމަކާ މެދު ދެބަސްވުމުގެ އިތުރަށް، މެލޭޝިއާ އާއި ތައިލެންޑާއި އިންޑޮނީޝިއާ އިން މީގެ ކުރިން ވަނީ ރެފިއުޖީން ތިބޭ ބޯޓުތައް އަނބުރާ ފޮނުވާލާފަ އެވެ.

އެއާ އެކު، ހަވާލުވެގެން އަންނަ އެޖެންޓުން ރެފިއުޖީން ދޫކޮށްލުމުގެ ސަބަބުން، އެތައް ދުވަހެއް ވަންދެން އެ މީހުން ތިބެންޖެހެނީ ކަނޑުމަތީގަ އެވެ. އޭގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން އިންޑޮނީޝިއާގެ ބޭރުން، ކަނޑުމަތިން ސަލާމަތްކޮށްފައި ވާއިރު، ކާއެއްޗެހި ނުލިބިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރު ވެސް ވެފަ އެވެ.

މިއަންމާގައި ތިބި ރޮހިންޔާ މުސްލިމުންގެ އަދަދު 800،000 އަށް އަރާއިރު، މިއީ ރަށްވެހިކަމެއް ނެތި މި ގޮތަށް ބާކީވެފައި ތިބޭތާ އެތައް ޒަމާނެއްވީ، ނާޒުކު ދަރިކޮޅެވެ. މި ދަރިކޮޅުގެ މީހުންނަށް މިއަންމާ ސަރުކާރާއި ބުދު ދީނުގެ ހަރުކަށި ވިސްނުން ގެންގުޅޭ މީހުން ވަނީ ހުރިހާ ދިމާލަކުން ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިކޮށްފަ އެވެ. އެ ގޮތުން، ކައިވެނިކުރުމުން ފެށިގެން ވަޒީފާ އަދާކޮށް، ތައުލީމު އުނގެނުމުގެ ހައްގުން އެ މީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

ބަންގަލްދޭޝް އަށް ނިސްބަތްވާ ރެފިއުޖީންގެ ތެރޭގައި ގިނައިން ހިމެނެނީ ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ގައުމު ދޫކޮށްދާ މީހުންނެވެ.