ހަބަރު

ހުރިހާ ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދޭނަން: އިބޫ

ގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ، މައްޗަންގޯޅީގެ ބައެއް ގެތަކަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު އެ ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު އެވެ. މައްޗަންގޯޅީގައި "ޖަޒީރާ މައިޒާން" ޖަގަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އިބޫ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށާއި ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ވެރިކަމެއްގައި މުޅި ރާއްޖޭގެ އެންމެނަށް ގެދޮރުގެ އެހީތެރިކަން ފޯރުކޮށްދޭއިރު ސީދާ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގެދޮރުގެ އެހީތެރިކަން އަޅުގަނޑުމެން އިރާރަދަކުރެއްވިއްޔާ ފޯރުކޮށްދޭނަން
އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ

އިބޫ މިއަދު ޒިޔާރަތް ކުރެއްވި ގޭގެ މީހުންގެ ވެސް އެންމެ ބޮޑު ޝަކުވާއަކީ ނޭވާލާނެ ޖާގައެއް ވެސް ނެތުން ކަމަށެވެ. އެމީހުން ވެސް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. މާލެއަކީ މިހާރު ދިރިއުޅެން އެންމެ ދަތި ރަށްކަން ވެސް އިބޫ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މާލެއަކީ މާލޭގެ ޓްރެފިކްގެ މައްސަލަ އާއި ބަނދަރުގެ ދަތިކަމުގެ މައްސަލަތައް ވެސް ބޮޑުވެފައިވާކަން އިބޫ ފާހަގަކުރެއްވި އެވެ. އަދި އެކަން ހައްލު ކޮށްދިނުމަށް އޭނާގެ ސަރުކާރެއްގައި މަސައްކަތްކުރައްވާނެ ކަމަށާއި އޭގެ ތަފްސީލް މެނިފެސްޓޯގައި ހިމަނާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ދޮރުން ދޮރަށް ވަޑައިގެންނެވި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ވިދާޅުވީ، ގެދޮރުގެ މައްސަލަ ވަރަށް ބޮޑުވެފަ ކަމަށާއި ބައެއް ގޭގައި ޑިއުޓީ ބަހައިގެން ވެސް މީހުން ދިރިއުޅެމުންދާ ކަމަށެވެ. މީގެ ފަސް އަހަރު ކުރިން ކެމްޕެއިން ކުރިއިރު ވެސް އެ ރައްޔިތުން ތިބީ އެ ހާލުގަ ކަމަށާއި އެއީ ބަދަލުކުރަން ޖެހޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިދިކޮޅުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ގެދޮރު ފޯރުކޮށްދޭނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަމަށެވެ.

މިހާރު ގެދޮރުގެ މައްސަލައަށް އެއްވެސް ހައްލެއް ނުލިބި މައްސަލަ އިތުރަށް ބޮޑުވެފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ކަމަށާއި މި ސަރުކާރުން އެކަމުގައި ހަމަހަމަކަމާއި އިންސާފު ނުގެންގުޅޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ސަރުކާރުން ބޯހިޔާވަހިކަމުގައި މަޝްރޫއުތައް ހިންގަނީ މުއްސަނދިންނަށް އަމާޒުކޮށްގެން ކަމަށާއި އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.