ރިސޯޓް މުވައްޒަފުންނަކީ ރާއްޖޭގެ މަަސައްކަތު އާބާދީގައި އެންމެ ބިޒީ އެންމެ ބުރަ ވެސް މީހުނެވެ. އާއްމު ވަޒީފާތަކާ އެ މީހުންގެ ވަޒީފާ ވަރަށް ތަފާތެވެ. މިއީ ރާއްޖޭގެ އިގްތިސޯދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ ތަނބުތައް ހިފަހައްޓައިގެން ތިބޭ މީހުންނެވެ. އެ މީހުންނަށް ހާއްސަ ސްކީމެއް އޮތްތޯ ބަލައި ހާވާއިރު އެ މީހުން ވެސް އެންމެ ބޭނުންވާނެ އެއް ކަމަކީ ރިސޯޓްގައި ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް ގެދޮރު ހޯދުމަށް އޮތީ ކޮން ފުރުސަތެއް ތޯ ބަލާށެވެ. މިހެން ބުނަން ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. މީގެ ކުރިން އެކި ދާއިރާތަކަށް ތަފާތު ފައިދާހުރި ސްކީމުތައް ގެނެސްދީފައި އެބަހުއްޓެވެ. ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ހާއްސަ ސްކީމެއް ގެންނަން އުޅޭ މިއީ ފުރަތަމަ ފަހަރަށްވާތީ އެވެ. ސުވާލަކީ ރިސޯޓް މުވައްޒަފުންގެ ސްކީމްގައި އަމިއްލަ ގެ އަޅަން ފައިސާ ލިބޭނެ ހެއްޔެވެ؟ އެއީ ގެދޮރުވެރިވާން ލިބޭ އެހީއަކަށް ވާނެ ހެއްޔެވެ؟
"މި ސްކީމްގައި އެންމެ ބޮޑަށް އިސްކަމެއް ދީފައިވާނެ އެއް ކަމެއް ގެދޮރުގެ ބައި. އެހެންވެ މި ސްކީމް އައުމާއެކު ސްކީމުގައި ބައިވެރިވާ މުވައްޒަފުންނަށް އެ ދޮރު ހުޅުވިގެންދާނެ،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ވައުދެއްގެ ގޮތުގައި އިއުލާނު ކޮށްފައިވާ މި ސްކީމް ފަށަނީ 100 މިލިއަން ރުފިޔާ އިންނެވެ. މިއީ ސަރުކާރުން މި ސްކީމް ފެށުމުގެ ގޮތުން ބަހައްޓާ އަދަދެވެ.
އެންމެ ބޮޑަށް އިސްކަމެއް ދީފައިވާނެ އެއް ކަމެއް ގެދޮރުގެ ބައި. އެހެންވެ މި ސްކީމް އައުމާއެކު ސްކީމުގައި ބައިވެރިވާ މުވައްޒަފުންނަށް އެ ދޮރު ހުޅުވިގެންދާނެމޫސާ ޒަމީރު | ޓޫރިޒަމް މިނިސްޓަރު
ސްކީމް ފަރުމާ ކޮށްފައިވަނީ ރިސޯޓުތަކުގެ މުވައްޒަފުން ވަރަށް ކުޑަ އެއްޗެއް "ކޮންޓްރިބިއުޓް" ކޮށްލައިގެން ބައިވެރިވެވޭނެ ގޮތަށެވެ. ރިސޯޓު މުވައްޒަފުންގެ ސްކީމުގެ ވައުދު އާއްމު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ސްކީމަށް ލިބޭ ތަރުހީބަށް ބަލައި، ސްކީމް ބައި ބިލިއަނަށް އިތުރުކުރާނެ އެވެ.
ގެ ހަދަން ފައިސާ ލިބޭތަ؟
ރާއްޖޭގައި 130 ރިސޯޓު ހިންގާއިރު ގިނަ ރިސޯޓުތަކުގެ މަސައްކަތު އާބާދީގެ މެޖޯރިޓީއަކީ ދިވެހިންނެވެ. ރާއްޖޭގައި 100 އަށްވުރެ ގިނަ ދިވެހިން އުޅޭ 80 އަށްވުރެ ގިނަ ރިސޯޓު އެބަ އޮތެވެ. އެހެންވެ ރިސޯޓުގައި މަސައްކަތް ކުރާ އާބާދީ 9،000 އަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ގިނަ ބަޔަކީ ޒުވާނުންނެވެ. އެހެންވެ އެ މުވައްޒަފުން ރިސޯޓުގައި ތިބެގެން އާއިލާތަކަށް ގެދޮރު ލިބޭނެ މަގެއް ފަހިވުން ވަރަށް މުހިންމު ވާނެ އެވެ.
މާލެ އަތޮޅު ރިސޯޓެއްގެ މުވައްޒަފަކު ބުނި ގޮތުގައި ސަރުކާރުގެ ގިނަ ދާއިރާތަކުގެ މުވައްޒަފުންނަށް ސްކީމް އަންނައިރު، އެ މީހުންނަށް ހާއްސަ ބެނިފިޓް ލިބޭ ސްކީމެއް އޮންނަން ޖެހޭ ކަމަށް އޭނާއަށް ފެނެ އެވެ.
"އަހަރެމެންގެ މުސާރަ އެހާ ބޮޑެއް ނުވާނެ. ސާވިސް ޗާޖާއި ޓިޕްސް ލީމަ ތަންކޮޅެއް މަތިވަނީ. އެހެންވީމަ އިތުރު ބެނެފިޓްތަކެއް ހުންނަން ޖެހޭ. ސިފައިންނާއި ފުލުހުންނަށް ނޫނީ ޓީޗަރުންނަށް ފްލެޓް ދޭނަމަ އަހަރެމެން ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ފްލެޓް ލިބޭނެ ގޮތެއް އޮންނަން ޖެހޭ،" އޭނާ . ބުންޏެވެ.
އެޕާޓްމަންޓް ޑައުންޕޭމަންޓް ދެއްކޭނެތަ؟
ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި މި ސްކީމުގައި ބައިވެރިވާ މުވައްޒަފުންނަށް ގިނަ ފުރުސަތު ތަކެއް ފަހިވެގެންދާނެ އެވެ.
"ހަމައެކަނި ގެދޮރެއް ނޫން. އިތުރު ދާއިރާތަކުގައި ރިސޯޓު މުވައްޒަފުންނަށް އިންވެސްޓްކޮށް ފައިދާ ހޯދޭނެ ގޮތްވެސް މި ސްކީމް މެދުވެރިކޮށް ސަރުކާރުން ތަނަވަސް ކޮށްދޭނަން،" ޒަމީރު ވިދާޅުވި އެވެ.
މި ސްކީމުގައި ބައިވެރިވާ މުވައްޒަފުން ރަށްރަށުގައި ހުންނަ ގެ ހަދަން ބޭނުންވާ ފައިސާ ލިބުމާއި ހޯމް ރިނޮވޭޝަންއަށް ފައިސާ ލިބުން އަދި އަލަށް ހިއްކާ ވިލިމާލެ ފޭސް ދޭކުން، ދޫކުރާ ފްލެޓުތަކުގެ ޑައުން ޕޭމަންޓަށް ބޭނުންވާ ފައިސާ ލިބުން ވެސް ހިމެނެ އެވެ. މީގެ އިތުރުންވެސް ހައުސިންގެ ގިނަ ފައިދާތަކެއް މި ސްކީމުގައި ހިމެނޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ކޮންމެއަކަސް ފުލުފުލުގައި ގިނަ ސްކީމްތަކެއް ނެރޭ، މި ދުވަސްވަރުގައި ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށް އަންނަ ސްކީމަށް މުވައްޒަފުން ލިބީ ބަލައިގެންނެވެ. އެމީހުން ބަލަން ބޭނުންވަނީ މި ސްކީމުން އެމީހުންގެ ގެދޮރުވެރިކަމަށް ލިބޭނެ މަންފާއަކީ ކޮބައިތޯ އެވެ.