ނުވަދިހައިގެ އަހަރުތަކުގައި ފެށި ސިޓްކޮމް ސީރީޒް "ފްރެންޑްސް" ގެ ރީޔުނިއަންއެއް ގެނެސްދެން އުޅޭ ކަމުގެ ވާހަކަ އަބަދުވެސް ދެކެވެމުން އާދެ އެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އެ ވާހަކަ ވަނީ ދޮގަކަށެވެ. ގިނަ ފޭނުން އަލުން މި ސީރީޒް ފަށަން ބޭނުންވި ނަމަވެސް، ބޭނުންނުވާ ފޭނުންވެސް ވަކި މަދެއް ނޫނެވެ.
މިފަހަރު "ފްރެންޑްސް" އަނބުރާ އައިސްދާނެ ކަމުގެ އިޝާރާތެއް ދިނީ މި ސީރީޒްގައި ރޭޗެލް ގްރީންގެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް ޖެނިފާ އެނިސްޓަން އެވެެ. އިންސްޓައިލް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ބުނީ އޭނާ އަނެއްކާވެސް ރޭޗެލްގެ ރޯލު ކުޅެލަން ބޭނުންވާ ކަމަށެވެ.
މި ސީރީޒް ނިމުމުގެ ކުރިން އޭނާގެ ކޯސްޓާރުން ކަމަށްވާ، ކޯޓްނީ ކޯޒް (މޮނިކާ) އާއި ލީޒާ ކުޑްރޯ (ފީބީ) އާއެކު އަލުން އަނބުރާ އައުމުގެ ވާހަކަތައް ދެވެނުކަމަށް ޖެނިފާ ބުންޏެވެ. އަދި ރޭޗެލްގެ ރޯލު ކުޅުމަކީ އޭނާގެ ހަޔާތުގައި އަދާކުރި އެންމެ ރަނގަޅު ވަޒީފާކަމަށްވެސް ބުންޏެވެ.
"މިހާރު ދެން ނޭނގެ ބުނާކަށް ވާނެގޮތެއް. އެކަމަކު ކިހިނެއް އިނގެނީ. މިހާރު ކުރީގެ ބައިވަރު ސީރީޒްތައް އަލުން ރީބޫޓްކޮށްގެން އެބަ ދައްކާ. މުޅި ކާސްޓު ރީޔުނިއަންއަކަށް އެއްބަސް ނުވިއްޔާ އަހަންނާއި ކޯޓްނީ އަދި ލީޒާ 'ދި ގޯލްޑެން ގާލްސް' ގެ ރީބޫޓަކަށްވިޔަސް އަލުން އެނބުރި އަންނަން އެއްބަސްވާނަން." ޖެނިފާ ބުންޏެވެ.
ޖެނިފާ ބުނިގޮތުގައި މި ސީރީޒްގައި ޖޯއީގެ ރޯލު ކުޅުނު މެޓް ލީބްލެންކް ގާތުގައި ރީޔުނިއަންގެ ވާހަކަދައްކަން މެޓް މިހާރު ބޭނުމެއް ނުވެ އެވެ. އެކަމަކު ރީޔުނިއަންއެއް ގެނެސްދޭކަމުގައިވާނަމަ މެޓް އެއްބަސްކުރުވިދާނެ ކަމަށްވެސް ޖެނިފާ ބުންޏެވެ. ދެން މި ސީރީޒްގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ ޑޭވިޑް ޝްވިމާ (ރޮސް) އާއި މެތިއު ޕެރީ (ޗޭންދުލާ) އެވެ.
ޖެނިފާ މިފަދަ އިޝާރާތެއް ދިން ނަމަވެސް "ފްރެންޑްސް" ގެ ޕްރޮޑިއުސަރު ވަނީ ރީޔުނިއަންއެއް ނުގެނެސްދޭނެކަމަށް މީގެކުރިން ބުނެފަ އެވެ.