overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނުރައްކަލެއްގެ ވާހަކައާއެކު އިންތިހާބު ލަސްކުރުމުގެ ތުހުމަތު!

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވަނީ ގައުމުގެ ހަމަޖެހުން ނަގާލައި ނުރައްކަލެއް ކުރިމަތިކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ނުރަސްމީ ގޮތެއްގައި އެފަދަ ބޮޑު ވާހަކައެއް މިނިސްޓަރެއް ވިދާޅުވުމާއެކު ގިނަ ބައެއް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި ބޮޑެތި ތުހުމަތުތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް އެކަން ސިފަ ކުރެއްވީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބު ލަސްކުރުމަށް ސަރުކާރުން ހިންގާ "ޖަރީމާ"އެއްގެ ގޮތުގަ އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު ފަދަ ހާލަތްތައް ރާއްޖެއަށް ގެންނަން މިވީ ފަސް އަހަރުގެ ތެރޭގައި ތަފާތު ހާދިސާތައް ހިންގިތަން ފެނިފައިވާ ކަމަށެވެ. އާދަމް ޝަރީފްގެ ވާހަކައަކީ އިންތިހާބު ފަަސްކުރުމަށް ފެށި އަމަލުތަކުގެ ފެށުންތޯ އޭނާ ސުވާލު ކުރައްވާފައިވެ އެވެ.

ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އެމްއެންޑީއެފްގެ ރަސްމީ އެންގުންތައް އަންގަނީ ޑިފެންސް މިނިސްޓަރުގެ އަމިއްލަ ފޭސްބުކް އެކައުންޓް ކަމުގައިވާނަމަ އެއީ ކަންކަމުގައި ބޭނުންކުރާ ހަމައާ އުސޫލު ނޫން ކަމަށެވެ.

"މީގެން މި އެނގެނީ މިއީ ރައީސް ޔާމީންގެ ސިޔާސީ ޕްރޮޕެގެންޑާއެއްކަން،" ހިސާން ހުސެއިން ތުހުމަތު ކުރެއްވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ، ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް އޮތްކަން އާދަމް ޝަރީފް ފޭސްބުކް މެދުވެރިކޮށް އިއުލާން ކުރެއްވުމުން އެނގެނީ ގައުމީ ސަލާމަތަށް ބޮޑު "ޖޯކެއް" ކުރިމަތިވެފައިވާކަން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ، ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އަނިޔާވެރިކަން ކަމަށެވެ.

މަޖިލިސް މެންބަރު އިވާ އަބްދުﷲ ވިދާޅުވީ، އެކަމަކީ އިދިކޮޅު ކޯލިޝަންގެ ވަރުގަދަ ރިޔާސީ ކެމްޕެއިން ހުއްޓުވުމަށާއި ރިޔާސީ އިންތިހާބު ފަސްކުރުމަށް ހިންގާ ޖަރީމާއަކަށް ނޫނީ ނުވާނެ ކަމަށެވެ.

ރޭ ކުއްލި ގޮތަކަށް އާދަމް ޝަރީފް ފޭސްބުކްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ.

ނުރައްކަލެއް މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޭގެ އެއްވެސް މައުލޫމާތެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް މިހާތަނަށް މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވެސް އެފަދަ ތްރެޓެއް މިހާތަނަށް ހިއްސާކޮށްފައިނެތްކަން ވެސް ވަނީ ކަށަވަރުވެފަ އެވެ.