ހަބަރު

އިބޫގެ ވައުދު: ތ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނަން

ތ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ތ. ތިމަރަފުށީގައި މިހާރު ވެސް އެއާޕޯޓެއް އޮވެ އެވެ. ނަމަވެސް އެ ރަށަކީ އަތޮޅުގެ ވޭމަންޑޫ ފިޔަވައި އެހެން ރަށްރަށާ ދުރުގައި އޮންނަ ރަށެއް ކަމުން އެއާޕޯޓަށް ދިޔުމަށް އެ އަތޮޅުގެ ގިނަ ރަށްރަށުގެ ރައްޔިތުން ދިގު ދަތުރެއް ކުރަންޖެހެ އެވެ.

ތ. ގުރައިދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން އިބޫ ވިދާޅުވީ، ދަތުރުފަތުރުގެ ގޮތުން ބަލާއިރު ތ. އަތޮޅަކީ މިހާރު މާލެއާ އެންމެ ދުރު އަތޮޅު ކަމަށެވެ. އެހެންވީމަ އެ ސަރަހައްދުގައި ވައިމަގުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ.

"މިކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ވިސްނައި، މިއަށް ގޮތެއް ހޯދަދޭނަން،" އިބޫ މިއަދު ވައުދުވެވަޑައިގަތެވެ.

ތ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވާނެ ކަމުގެ ވިސްނުން ހުންނެވި ކަމަށް އިބޫ ވިދާޅުވި ނަމަވެސް އެ އެއާޕޯޓް އަޅާ ރަށަކާއި އޭގެ އެއްވެސް ތަފްސީލެއް މިއަދު ހާމައެއް ނުކުރައްވަ އެވެ.

އިބޫ ވިދާޅުވީ، ސަރުކާރަކުން ކުރަން ބޭނުންވާނަމަ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ބަޖެޓްގައި ފައިސާ ޖަހާނަމަ އެ މަޝްރޫއެއް ހިންގުމަށް އެ ފައިސާއެއް ހަރަދު ކުރަންޖެހޭނެ ކަމަށެވެ.

"ބަޖެޓްގަ ޖަހައިގެން ރައްޔިތުންނަށް ދަޅަ ދައްކަން އުޅޭނަމަ އެއީ ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެއް، އަޅުގަނޑަށް ފެނިގެން މި ދަނީ މި ރަށުގެ ތަރައްގީއަށްޓަކައި ފައްޓާފައިވާކަންކަމަކީ ރައްޔިތުންނަށް އޮޅުވާލަން ކޮށްފައިވާ ކަންތައްތަކެއްގެ ގޮތުގައި، ކޯލިޝަނެއްގެ ސަރުކާރުގައި މިކަންކަމަށް ހައްލު ހޯދައިދޭނަން،" އިބޫ ވިދާޅުވި އެވެ.