ހަބަރު

އިބޫގެ ހާއްސަ ދައުވަތެއް ރިޔާޒު ރަޝީދަށް

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ހާއްސަ ދައުވަތެއް ދެއްވައިފި އެވެ.

ރިޔާޒުގެ ދާއިރާގައި ހިމެނޭ ރަށެއް ކަމަށްވާ ތ. މަޑިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރިޔާޒު ރަޝީދަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން ފިކުރާއި ވިސްނުން ތަފާތު ކަމަށެވެ. ނަމަވެސް ރިޔާޒަށް ވެސް ގޮވާލައްވަނީ އިދިކޮޅު ޕާޓީތަކުން ކުރާ ގައުމީ މަސައްކަތުގެ ހިއްސާއަކަށްވުމަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހަރަކާތްތެރި ބޭފުޅެއް އެއީ، އަޅުގަނޑު މިއަދު ރިޔާޒު ރަޝީދަށް މި ގޮވާލަނީ އަޅުގަނޑުމެން މިކުރާ ގައުމީ ހިދުމަތުގައި ބައިވެރިވެވަޑައިގަންނަވާށޭ،" އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަން ނުކުމެ މިތިބީ ސިޔާސީ މަސައްކަތެއް ނޫން، އެއަށްވުރެ ގައުމީ މަސައްކަތެއް، ރައްޔިތުންގެ މަސައްކަތެއް، އެހެންވީމަ އަޅުގަނޑު އަދިވެސް އެއް ފަހަރު އަޅުގަނޑު މި ގޮވާލަނީ އަޅުގަނޑު ރަހުމަތްތެރި ރިޔާޒަށް އަޅުގަނޑުމެންނާ ގުޅިވަޑައިގެން މި އިންތިހާބު ކާމިޔާބު ކުރުމުގައި މި ނަތީޖާ ނެރޭއިރު އޭގެ ބައިވެރިޔަކަށް ވެވަޑައިގަންނަވާށޭ،"

އިބޫ ވަނީ އާންމުކޮށް ރަށްރަށް ވަޑައިގެން ވައުދެވަޑައިގަންނަވާ ކަންކަން މަޑިފުށީގައި ވެސް ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން ކައުންސިލްތަކަށް ބާރުތައްދީ ޖަޒީރާކަން މަތީ ގައުމު ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރަށަށް ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން ސަރުކާރުގެ މުވައްޒަފުން އެމީހަކު ސަޕޯޓަރު ކުރާ ފިކުރަކަށް ތާއިދު ކުރައްވައި ނުކުތުމަށް އިބޫ ގޮވާލެއްވި އެވެ. އެގޮތަށް ނުކުމެގެން ލިބޭ ގެއްލުމެއްގެ ބަދަލު އިދިކޮޅުގެ ސަރުކާރެއްގައި ހޯދައިދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.