ދުނިޔެ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް 82 މީހުން މަރު

Aug 6, 2018

ބާލީ (އޯގަސްޓް 5) - ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިންޑޮނީޝިއާގެ ސަރަހައްދަކަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައިސް، މިހާތަނަށް 82 މީހުން މަރުވެފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

ބާލީގެ އިރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއް ކަމުގައިވާ ލޮމްބޯކް އަށް 7.0 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން އެތަކެއް ސަތޭކަ މީހުން ޒަހަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިއީ މިދޔަ ހަފްތާގެ ތެރޭގައި އެ ސަރަހައްދަށް އައި ދެވަނަ ބިންހެލުމެވެ. ޖުލައި 29 އައި 6.4 މެގްނިޓިއުޑްގެ ބާރު މިނުގެ ބިންހެލުމުގައި 16 މީހުން ވަނީ މަރުވެފަ އެވެ.

އިއްޔެ އައި ބިންހެލުމާއި ގުޅިގެން، ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް ނެރުނެވެ. ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އެ އިންޒާރުވަނީ އަނބުރާ ގެންގޮސްފަ އެވެ.

ބިންހެލުމާއި ގުޅިގެން، އެ ރަށުގެ ހުޅަނގުން އޮންނަ ބާލީގެ ހޮސްޕިޓަލުތަކުގައި ތިބި ބަލި މީހުން އިމާރާތުން ނެރެ، ފަރުވާދީފައިވަނީ މަގުމަތީގަ އެވެ.