ދުނިޔެ

އެމެރިކާ އެއާޕޯޓުތަކުގެ ސެކިއުރިޓީން ގޮވާތަކެތި ދައްކަނީ ހާލަކުން ފަހަރަކު!

Jun 3, 2015

އެމެރިކާގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ޗެކްޕޮއިންޓްތަކުން، ހަތިޔާރާއި ގޮވާ ތަކެތި 95 ޕަސެންޓް ފަހަރު ނުދައްކާ ކަމަށް ޓެސްޓުތަކުން ދައްކައިފި އެވެ. އެއާ އެކު، އެއާޕޯޓުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ސަރުކާރުން ވަނީ އަމުރުކޮށްފަ އެވެ.

ހޯމް ލޭންޑް ސެކިއުރިޓީގެ އޮފިޝަލުންނާ ހަވާލާދީ އޭބީސީ ނިއުސް އިން އިއްޔެ ބުނި ގޮތުގައި އެމެރިކާގެ 70 އެއާޕޯޓެއްގެ ސެކިއުރިޓީ މިންގަނޑުތައް ހުރި ނެތް ގޮތް ބެލުމަށް އެ ޑިޕާޓްމަންޓުން ވަނީ ހާއްސަ ޓެސްޓްތަކެއް ކޮށްފަ އެވެ. އެ އެއާޕޯޓުތަކުގެ ތެރެއިން ވަގަށް ހަތިޔާރު އެތެރެ ކުރަން އުޅުމުން، އެކަން ދެނެގަތުމުގެ ގާބިލުކަން ލިބިފައިވަނީ، އެ ނޫހުން ބުނި ގޮތުގައި، އެންމެ ތިން އެއާޕޯޓަށެވެ.

މީގެ އިތުރުން، އޭބީސީން ބުނީ ސެކިއުރިޓީ ސްކޭނަރުތަކުން ހަތިޔާރާއި ގޮވާ ތަކެތި 95 ޕަސެންޓް ފަހަރު ނުދައްކާކަން ވެސް ހާމަވެފައިވާ ކަމަށެވެ. އަދި އެއް ޓެސްޓެއްގައި، އެޖެންޓެއްގެ ބުރަކަށީގައި ޓޭޕު އަޅައި ހަރުކޮށްފައިވާ ބޮމެއް ދެނެގަތުމަށް ސެކިއުރިޓީ އޮފިސަރުން ވެސް ނުކުޅެދުނު ކަމަށް އެ ނޫހުން ބުންޏެެވެ.

ސިއްރުކޮށްފައި އޮތް އެ ޓެސްޓުތަކުގެ ނަތީޖާ އޭބީސީން ރިޕޯޓުކުރުމާ އެކު، ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ޖޭ ޖޯންސަން ވަނީ އާޕޯޓުތަކުގެ ސެކިއުރިޓީ މިންގަނޑުތައް އިސްލާހުކޮށް، ވަރުގަދަ ކުރުމަށް އަންގަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޓެސްޓުތަކުގެ ނަތީޖާއާ މެދު އެ ޑިޕާޓްމަންޓުން ދަނީ "ވަރަށް ސީރިއަސް" ނަޒަރަކުން ބަލަމުންނެވެ.

"ކުރިން އެންގުމަކާ ނުލާ އެއާޕޯޓްތަކުގެ ސެކިއުރިޓީ ޓެސްޓުކުރުމަށް ވެސް ވިސްނާނަން،" ޖޯންސަން ވިދާޅުވި އެވެ.

މި ޓެސްޓުތަކުގެ ނަތީޖާއާ ގުޅިގެން، ސެކިއުރިޓީ އޮފިސަރުން އަލުން ޓްރެއިންކޮށް، ސްކޭން ކުރަން ގެންގުޅޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރަން މިހާރު ވަނީ ނިންމާފަ އެވެ.