overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އެމްޑީއޭގެ ސްޓޭންޑްއާމެދު ސުވާލު އުފެދިފައި!

ރިޔާސީ އިންތިހާބަށް ދޮޅު މަހަށްވެފައި ވަނިކޮށް، ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ކަމަށްވާ އެމްޑީއޭ، ޕީޕީއެމްއާ ދެމެދު މައްސަލަތަކެއް ޖެހި، އެ ޕާޓީ އިދިކޮޅާ ގުޅެން އުޅޭ ކަމުގެ އަޑު ފެތުރިއްޖެ އެވެ.

އެ އަޑު ފެތުރެން ފެށީ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮވުމަަށް ފެބްރުއަރީ މަހުން ފެށިގެން ކެމްޕެއިން ކުރަމުން ދިޔަ ނަމަވެސް މިއަދާ ހަމަޔަށް ވެސް އެމްޑީއޭގެ ލީޑަރު އަހުމަަދު ޝިޔާމް ނުވަތަ އިސް މެންބަރުންގެ ފަރާތުން ރައީސް ޔާމީންއަށް ތާއީދުކޮށް ވަކި އެއްޗެއް ވިދާޅުވެފައި ނުވާތީ އެވެ. އިންތިހާބުގެ ކެމްޕެއިންތައް ފޯރިއާއެކު ކުރިޔަށް ދާއިރު އެމްޑީއޭގެ ފަރާތުން ރަސްމީކޮށް ރައީސް ޔާމީންއަށް ތާއީދު ކުރައްވާކަން ވިދާޅުނުވާއިރު މި ދުވަސްވަރު އެމްޑީއޭ އޮތީ މުޅިން ހިމޭނުންނެވެ. އެމްޑީއޭގެ ޓިކެޓުގައި ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި މުހައްމަދު ޝައިނީ ވެސް މިއަދާ ހަމަޔަށް ޕާޓީގެ ސްޓޭންޑާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ސިޔާމްއާ މައްސަލަތަކެއް ޖެހެން ފެށުނީ ދެވަނަ ދައުރުގެ ނައިބު ރައީސްއަކަށް އެ ޕާޓީ މެންބަރަކު އައްޔަން ކުރުމަށް އެދިފައި ވަނިކޮށް އޭގެ ބަދަލުގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރުމާ ގުޅިގެން ކަމަށް ވަނީ އަޑުފެތުރިފަ އެވެ. ނައިބު ރައީސް ކަމުން އަހުމަދު އަދީބު ވަކިކުރި ހިސާބުން ވެސް އެމްޑީއޭގެ އެކްޓިވިސްޓުން ދިޔައީ އެ މަގާމަށް ސިޔާމް އައްޔަން ކުރުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.

އެ މައްސަލާގައި ހިޔާލު ތަފާތުވެފައިވަނިކޮށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރުގައި ސިޔާމްއާ ބައްދަލު ކުރި ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި އެއަށް ބާރު ލިބޭ އަނެއް ކަމަކީ ރޭ ޝައިނީ ކުރެއްވި ޓްވީޓެވެ. އޭނާ ވިދާޅުވީ ސަރުކަރުގެ އިސްވެރިންނަށް ފިޔަވަޅު އަޅަން އީޔޫއިން ލިސްޓުގައި ބައެއް ވިޔަފާރިވެރިންގެ ނަން ހިމެނޭ ކަމަށް ބުނެ ބިރު ދައްކާ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ވިޔަފާރިވެރިއަކަށް ކަމެއް ނުވަތަ އެކަން ކުރަނީ ކޮން ބައެއް ކަމެއް ޝައިނީ ސާފެއް ނުކޮށްދެއްވަ އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީ އާއި އެމްޑީއޭގެ ކޯލިޝަން އެގްރީމަންޓު ހަދާފައި ވާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން އެގްރީމަންޓުއާ ނުކުރެވިގެން ލަސް ނުވާ ކަމަށާއި ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ޕީޕީއެމް އާއި އެމްޑީއޭގެ ކޯލިޝަން ވަރަށް ބަދަަހި ކަމާއެކު ގުޅިފައި އޮތް ކަމަށް އަބްދުއްރަހީމް ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.