ދުނިޔެ

އިންޑޮނީޝިއާ ބިންހެލުން: ވެއްޓުނު މިސްކިތެއް ދަށުވި މީހުން ހޯދަނީ

Aug 7, 2018

ބާލީ (އޯގަސްޓް 6) - ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިންޑޮނީޝިއާގެ ސަރަހައްދަކަށް އާދީއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމުމުގައި ވެއްޓުނު މިސްކިތެއްގައި ނަމާދު ކުރަންތިބި ބަޔަކު އިމާރާތް ދަށުވެފައިވާ ކަމަށް ބެލެވިގެން، އެމީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ބާލީގެ އިރުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއް ކަމުގައިވާ ލޮމްބޯކް އަށް 6.9 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން މިހާތަނަށް 98 މީހުން މަރުވެފައިވާއިރު، 20،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރުގެއްލިފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެ ސަރަހައްދަށް އައި ދެވަނަ ބިންހެލުމުގައި އެތަކެއް ހާސް އިމާރާތަކަށްވަނީ ގެއްލުންލިބިފަ އެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި މިސްކިތެއް ވެއްޓި، އެ ތަނުގެ ދަށުން މިހާތަނަށް ވަނީ ދެ މީހަކު ސަލާމަތްކޮށްފަ އެވެ. ނަމަވެސް، އަދިވެސް އިތުރު މީހުން އެ އިމާރާތުގައި ދަށުވެފައިވާ ކަމަށް އޮފިޝަލުންނަށް ގަބޫލު ކުރެވޭތީ، އެކަމަށް މިހާރުވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.

އިއްޔެ އައި ބިންހެލުމާއި ގުޅިގެން، ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް ނެރުނެވެ. ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އެ އިންޒާރުވަނީ އަނބުރާ ގެންގޮސްފަ އެވެ.